އިދިކޮޅު ފަރާތްތައް މޭ ކެރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދާ މަންޒަރު ފެނިގެންދާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ މެމްބަރޝިޕް ޑްރައިވް އިތުރުކުރުމަށް ކުރިއަށްގެންދިޔަ ތިންދުވަހުގެ ހަރަކާތް ނިންމާލުން ފާހަގަކުރަމުން ރޭގައި އަސްލު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް ވެރިކަން ލިބުމާއި ހަމައިން ޕާޓީއާ ގުޅުން ކަނޑާލައި ޕާޓީ ދޫކޮށްލައްވާ މަންޒަރު ފެނިގެންދާކަމަށާއި އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު އެގޮތުން ތަފާތު ކަމަށެވެ. އަދި ވެރިކަމަށް އާދެވުމުގެ ސަބަބަކީ އަދި އިތުރު ދައުރެއް ލިބޭނެ މަގަކީވެސް ޕާޓީއާއި ގުޅުން ބަދަހިކޮށް ޕާޓީ އިތުރަށް ވަރުގަދަ ކުރުންކަމުގައި ރައީސް ގަބޫލުކުރައްވާކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
މެމްބަރޝިޕް ޑްރައިވާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަމަށް އަހަރުވާން ގާތްވެފައިވާއިރު އަހަރު ފުރޭއިރު މެމްބަރުންގެ އަދަދު 75 ހާހަށް އަރާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށެވެ. ވެރިކަމަށް އައީ 3022 މެންބަރުންތިބި ޕާޓީއަކުން ނަމަވެސް މިއަދު 75 ހާހަށް މެންބަރުންގެ އަދަދު އެރުމުގެ ސަބަބަކީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބަލައިގަންނަކަމުގެ ހެއްކެއްކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް