ޑރ. މުއިއްޒަކީ ތަރައްގީ ގެނައުމުގައި އެންމެ އިލްމީ، ގާބިލް، މަސައްކަތް ކުރައްވާ ބޭފުޅާ: ކުރީގެ މިނިސްޓަރު ޒަމީރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ފެނިގެން ގޮސްފައިވާ ތަރައްގީގެ މަޝްރޫއުތައް ބެލެހެއްޓެވި ބޭފުޅާ ކަމަށާއި، އެ މަނިކުފާނަކީ މި ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ތަ...

12 Nov 2023 | 14:41

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ފެނިގެން ގޮސްފައިވާ ތަރައްގީގެ މަޝްރޫއުތައް ބެލެހެއްޓެވި ބޭފުޅާ ކަމަށާއި، އެ މަނިކުފާނަކީ މި ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ތައުލީމީ އަދި ގާބިލް ބޭފުޅާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު ހުވާކުރައްވާ ޑރ. މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ޕީއެސްއެމް އިން ގެނެސްދޭ 'ދިވެހީންގެ ރާއްޖެ' ޕްރޮގްރާމްގެ މިއަދުގެ އެޕިސޯޑްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ސިނަމާލެ ބްރިޖު ފަދަ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުން ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫއުތައް ހިންގެވީ، އެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"ޑރ. މުއިއްޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެއް. ރާއްޖޭގެ މި ފަހުގެ ތާރީހުގައި މި ފެނުނު ހުރިހާ ތަރައްގީ އަކީ އެ މަނިކުފާނުގެ އިސްނެންގެވުން، ނޫނިއްޔާ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން އައިސްފައި ހުރި ތަރައްގީ. ބްރިޖަކަށް ބެލިކަމުގައިވިޔަސް. ނޫން ކަމަށް ވިއްޔާ އިމާރާތަކަށް ބެލިކަމުގައިވިޔަސް،" ޑރ. މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ވެވަޑައިގަންނަވާނެ ކަމަށް އަޑުފެތުރިފައިވާ ޒަމީރު ވިދާޅުވި އެވެ.

އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގުނީ ޑރ. މުއިއްޒަކީ ތައުލީމީ އަދި ގާބިލް ބޭފުޅަކަށްވާތީ ކަމަށް ޒަމީރު ވިދާޅުވި އެވެ. އޭގެ އިތުރުން، މާލޭގެ މޭޔަރުކަމުގައި ވެސް ހީވާގިކަމާ އެކު މަސައްކަތްކުރައްވައި، ހިންގުމުގެ ދާއިރާ އިން ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.

"ވަރަށް ގިނަ މަސައްކަތް ކުރަން ފުރުސަތު ލިބުނު ސިޔާސީ މަސައްކަތުގަ އާއި ހިންގުމުގެ ދާއިރާ. ކުރައްވާ ކޮންމެ ކަމެއްގައި ގެންގުޅުއްވާ އުސޫލަކީ އެންމެންގެ ބައިވެރިވުން، އެންމެ ބޮޑަށް ހޯއްދަވައިގެން، މަޝްވަރާކުރައްވައިގެން މަސައްކަތް ކުރެއްވުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަފްސީލްކޮށްދެއްވަމުން ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ސީޒަންގެ ކުރިން ނިންމައި އެ ތަން ބޭނުންކުރަން ފެށުމާ އެކު، ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ފީސިބަލް ކުރުމަށް އެ ސަރަހައްދުގައި 6،000 އެނދު ތަރައްގީކުރަން ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭގެ އިތުރުން، އައްޑޫގައި ސީޕްލޭން ހަބެއް ގާއިމްކޮށް، ހުވަދު އަތޮޅު ވެސް ހިމެނޭ ގޮތަށް ގަން އެއާޕޯޓާއި އެ ސަރަހައްދުގެ ރިސޯޓްތައް ސީޕްލޭނުން ގުޅާލުމަކީ ވެސް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ކަންކަން ފުރިހަމަކުރުމުން އައްޑޫގެ އިތުރުން، މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އެ މަނިކުފާނަކީ އިމާރާތްކުރުމުގައި މިފަދަ ކަންކަމުގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު، އެންމެ އިލްމީ، ގާބިލް ބޭފުޅާ. އެ ބޭފުޅާއަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ... އަޅުގަނޑު ޝައްކެއް ނުކުރަން ޕްރައިވެޓް ސެކްޓާއަށް މީގެ ފައިދާ ލިބިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

"ބޭނުންވަނީ އެކަންތައް އެނގިގެން އެކަން ކުރާނެ މީހެއް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް މިފަހަރު މިހޮވުނު ރައީސަކީ މަސައްކަތް އެނގިވަޑައިގަންނަވައި، މަސައްކަތް ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅެއް."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް