ރައީސް ނަޝީދު ވަކި ކުރަން ހުށަހެޅީ ކޯއްޗެއްކަން ކަށަވަރު ނުވާތީ މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން ހުށަހާފައިވަނީ ގަރާރެއްކަން ސިޓީއެއްކަން ނުވަތަ ރިޕޯޓެއްކަންވެސް ސާފުނުވާކަމަށް ނިންމާ އެ މައްސަލަ މިއަދު ބޭރުކޮށްލައިފި...

12 Nov 2023 | 06:22

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން ހުށަހާފައިވަނީ ގަރާރެއްކަން ސިޓީއެއްކަން ނުވަތަ ރިޕޯޓެއްކަންވެސް ސާފުނުވާކަމަށް ނިންމާ އެ މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތްތަކުގައިވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު މިއަދު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެލެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ރިޔާސަތުން އެ މައްސަލަ ހުށަހަޅަން ފެށުމާއެކު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ އެ މައްސަލައިގާ ގަރާރެއްގެ ސިފަ ނެތް ކަމަށާއި ގަރާރެއް ނަމަ ދީބާޖާއެއް އޮންނަންޖެހޭކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

"ހުށަހަޅާފައިވާ މައްސަލައަކީ ލިޔުމަކީ ބިލެއްތޯ؟ މައްސަލައެއްތޯ؟ ކުއްލި މައްސަލައެއްތޯ ؟ ގަރާރެއްތޯ ؟ ކޮމިޓީ ރިޕޯޓެއްތޯ؟ ވަޒީރުން ވަކި ކުރަން ހުށަހަޅާފައިވާ ލިޔުމެއްތޯ ؟ " އަލީ އާޒިމް ސުވާލު އުފެއްދެވިއެވެ.

އަލީ އާޒިމް ވިދާޅުވީ ގަރާރެއްގައި ނަމަ ދީބާޖާއެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނެފައިވާކަމަށާއި އެހެންކަމުނ އެއީ ނިޒާމީ ބޮޑު މައްސަލައެއްކަމަށެވެ. އަދި ކުރިއަށްގެންދަންވާނީ ވަކިގޮތަކަށް ނިންމުމަށްފަހުގައި ކަމަށެވެ.

އެއާއެކު މަޖިލީހުގެ ތަޅުން ހޫނުވެ ދެކޮޅުންވެސް ނިޒާމީ ނުކުތާތައް ނެގުމުގައި ގަޑިއެއްހާއިރު ދިޔަފަހުން ރިޔާސަތުން ނިންމެވީ އަލީ އާޒިމް ހުށަހެޅުއްވީ ނިޒާމީ ނުކުތާއެއްކަމަށް ބަލައިގަންނަ ކަމަށާއި ރައީސް ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ހުށަހެޅުން އަނބުރާ ފޮނުވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް