ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ޖަރުމަން (ގުރޫޕް އީ)

ބައްރު: ޔޫރަޕް ފީފާ ރޭންކިން: 11 މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު:19 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1...

12 Nov 2022 | 17:27

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 11

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު:19

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1954 ،1974 ،1990 ،2014) ރަނަރަޕް (1966 ،1982 ،1986 ،2002)

ކޯޗު

ނަން: ހަންސީ ފްލިކް

ގައުމު: ޖަރުމަން

އުމުރު: 57

ޓީމާ ހަވާލުވީ: 2021 ވަނަ އަހަރު

ފްލިކް އަކީ ތަފާތު ގިނަ ކްލަބްތަކަކަށް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. ފްލިކް ކޯޗިން ދާއިރާއަށް ނިކުތީ 1996 ވަނަ އަހަރުގައެވެ. އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ ޖަރުމަންގެ އެފްސީ ވިކޓޯރިއާ ބަމެންޓަލް އެވެ. ފްލިކް ވަނީ ޖަރުމަން ލީގުގެ ގަދަ ބާރު ބަޔާން މިޔުނިކްއަށް ވެސް ކޯޗުކޮށްދީފައެވެ. މީގެ ކުރިން އެއްވެސް ގައުމަކަށް ކޯޗު ކޮށްދީފައި ނުވާ ފްލިކް އަށް މިފަހަރުގެ ވޯލްޑް ކަޕަކީ ފުރަތަމަ ބޮޑު މުބާރާތެވެ. 2021 ވަނަ އަހަރު ޖަރުމަން ޓީމާއި ހަވާލުވި ފްލިކްގެ އިރުޝާދުގެ ދަށުން ޖަރުމަން މިހާތަނަށް 15 މެޗު ކުޅުނު އިރު، ބަލިވީ އެންމެ މެޗަކުންނެވެ. ނުވަ މެޗުން މޮޅުވެފައިވާއިރު، ފަސްމެޗުން ވަނީ އެއްވަރުވެފައެވެ.

މުހިންމު ކުޅުންތެރިން:

ޖަރުމަނު ޓީމުގައި ހައްތާވެސް ތިބީ ތަރިންނެވެ. ވަކި ކުޅުންތެރިއެއް ތަފާތުވުމެއް ނެތިއެވެ. ހައްތާވެސް ހުނަރުވެރި ކުޅުންތެރިންނެވެ. ނަމަވެސް އޭގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންގެ ނަން މިތާ ފަހާގަކޮށްލާނަމެވެ.

ސާޖް ގްނަބްރީ

ސާޖް ގްނަބްރީގެ ކްލަބް ކެރިއަރު ފެށީ ގޮންޖެހުންތަކަކާއި އެކުގައެވެ. ގްނަބްރީގެ ފުރަތަމަ ކުލަބަކީ އާސެނަލްއެވެ. ތިން ސީޒަން އާސެނަލްގައި ހޭދަކުރި ނަމަވެސް އޭނާއަށް އެ ކުލަބުގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ތިން ސީޒަން އާސެނަލުގައި ހޭދަކުރި ގްނަބްރީއަށް ކުޅެލުމުގެ ފުރުސަތުވެސް ލިބުނީ އެންމެ 18 މެޗެވެ. ލޯނު އުސޫލުން ވާޑާ ބްރޭމަން އަދި ހޮފެންހެއިމް އަށް ކުޅުމަށް ފަހ އޭނާ ބަޔާން އަށް ބަދަލުވީ 2018 ވަނަ އަހަރުގައެވެ. ބަޔާންއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކާ ގްނަބްރީ ވަނީ އޭނާއަކީ މޮޅު ކުޅުންތެރިއެއްކަން ހާމަކޮށްދީފައެވެ. ބަޔާން މިއުނިކަށް ކުޅުނު 162 މެޗުގައި 60 ގޯލާއި 39 އެސިސްޓް އޭނާ ވަނީ ހަދާފައެވެ.

ގްނަބްރީ ޖަރުމަނުގެ ގައުމީ ޓީމުން ފުރުސަތު ހޯދީ 2016 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޖަރުމަނުން ކުޅުނު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ލިބިފައި ނުވި ނަމަވެސް 2020 ވަނަ އަހަރުގެ ޔޫރޯގައި ގްނަބްރީ ވަނީ ކުޅެފައެވެ. މިހާތަނަށް 36 މެޗު ކުޅުނުއިރު، އޭނާ ވަނީ20 ގޯލު ޖަރަުމަން ޓީމަށް ޖަހައިދީފައެވެ. މިފަހަރުގެ މުބާރާތަށް ޖަރުމަނުން އެކުލަވާލި ސްކޮޑުން ފުރުސަތު ލިބުމަކީ ގްނަބްރީއަށް ލިބުނު އިތުރު ކުރިއެރުމަކަށް ވާނެއެވެ.

ލިރޯއީ ސާނޭ

ސާނޭ އަކީ ވެސް ހުނަރުން ފުރިގެންވާ ކުޅުންތެރިއެކެވެ. މެންޗެސްޓަރ ސިޓީއިން ބަޔާން މިޔުނިކަށް ބަދަލުވެ ސާނޭ ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެކެވެ. ޚާއްޞަކޮށް މިފަހަރުގެ ސީޒަނުގައި އޭނާ ފާހަގަވާލެއް މާ ބޮޑެވެ. ބަޔާންގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރާ ސާނޭ ވަނީ މި ސީޒަނުގައި ވެސް މިހާތަނަށް ކުޅުނު 16 މެޗުގައި 9 ގޯލު ޖަހާފައެވެ. އެއީ ލީގުގައި ކުޅުނު 12 މެޗުގެ ފަސް ގޯލާއި ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުން ޖެހި ހަތަރު ގޯލެވެ. ސާނޭ ޖަރުމަން ޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކުޅެދިން 47 މެޗުގައި 11 ގޯލު ވަނީ ޖަހައިދީފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބިފައިނުވި ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި ސާނޭ ވަނި ހިމަނާފައެވެ. މިއީ ފެންވަރު ދައްކާލަން ސާނޭއަށް ލިބޭނެ އެންމެ ރަނގަޅު ދުރުސަތައް ވާނެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް