ސަރުކާރުން މަސް ގަންނަ އަގުގައި ލާމު އަތޮޅުން މަސް ވިއްކޭނެ ގޮތް ހަދައިދީ: ސިރާޖު

ސަރުކާރުން މަސް ގަންނަ އަގުގައި ލ. އަތޮޅުން މަސް ވިއްކޭނެ ގޮތް ހަދައި ދިނުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ގޮވާލައްވައިފި އެވެ. އޭނާ މިހެން ގޮވާލެއްވީ ލ. މާންދޫގައި ހިންގާ ހޮރައިޒަން ފިޝަރީޒް...

12 Nov 2022 | 15:43

ސަރުކާރުން މަސް ގަންނަ އަގުގައި ލ. އަތޮޅުން މަސް ވިއްކޭނެ ގޮތް ހަދައި ދިނުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ގޮވާލައްވައިފި އެވެ.

އޭނާ މިހެން ގޮވާލެއްވީ ލ. މާންދޫގައި ހިންގާ ހޮރައިޒަން ފިޝަރީޒް އިން މަސްވެރިންގެ އަތުން ގަންނަ މަހަށް އަގު ދިނުން ލަސްކުރާ މައްސަލައިގަ މަސްވެރިން މިއަދު މުޒާހަރާ ފަށާފައިވަނިކޮށެވެ. އެ މުޒާހަރާގައި ބައިވެރިވަނީ ތ އަދި ލ އަތޮޅުގެ މަސްވެރިންނެވެ.

ސިރާޖު ފޭސްބުކްގައި ވިދާޅުވީ ލ. އަތޮޅުގެ މަސްވެރިންނަށް ތެލާއި އައިސް ހޯދުމަކީ އަބަދުވެސް ވަރަށް ދަތިކަމެއް ކަަމަށެވެ. އޭނާ ވިދާޅުވީ އަބަދުވެސް އެ އަތޮޅުގައި ތެލާއި އައިސް ގަންނަން ޖެހިފައިވަނީ ސަރުކާރުގެ ކުންފުނިތަކުން ވިއްކާ އަގަށް ވުރެ ބޮޑުކޮށް ކަމަށެވެ.

ސިރާޖު ވިދާޅުވީ ލާމު އަތޮޅުގެ މަސްވެރިންނަށް މިކަމުގެ ހައްލު ސަރުކާރުން ހޯދައިދޭންޖެހޭ ކަމަށެވެ.

އެގޮތުން ދެކުނުގެ މަސްވެރިންނަށް ތެލާއި އައިސް ލިބޭ އަގުގައި ލާމު އަތޮޅުގެ މަސްވެރިންނަށްވެސް ތެލާއި އައިސް ލިބޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށްވިދާޅުވި އެވެ. އަދި ހަމައެގޮތަށް މަސް ގަންނަ އަގުގައި މަސް ވިއްކޭނެ އިންތިޒާމުވެސް ހަމަޖެއްސުމަށް ގޮވާލެއްވި އެވެ.

މިއަދު މުޒާހަރާ ކުރި މަސްވެރިން ބުނީ މިހާރު މާންދޫއަށް ވިއްކާ މަހަށް އަގު ލިބެން މަހެއްހާ ދުވަސް ނަގާ ކަމަށެވެ. ތެޔޮ ވިއްކަނީ އަގުބޮޑުކޮށް ކަމަށާއި އައިސްވެސް ވިއްކަނީ ލިމިޓުން ކަމަށް ބުނެ ޝަކުވާކޮށްފައިވެ އެވެ.

އެމީހުންގެ ޑިމާންޑަކީ އައިސްގެ ލިމިޓު އުވާލައި، ތެޔޮ ސަރުކާރުން ވިއްކާ އަގުގައި ވިއްކުމެވެ. އަދި ވިއްކާ މަހަށް ގިނަ ވެގެން ހަފްތާއެއްގެ ތެރޭގައި އަގު ދިނުމެވެ. ބައެއް މަސްދޯނިތަކުން ބުނީ އެ ދޯނިތަކުން މަސް ކިރުވައިގެން ލިބެންޖެހޭ ލައްކައެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

މި މައްސަލައިގަ ހޮރައިޒަންއިން އެއްޗެއް ހާމަކޮށްފައި އެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް