ކޮޕް27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

މިސްރުގެ ޝަރްމުއްޝައިހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންފި އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުއެވެ. މިދަތ...

12 Nov 2022 | 13:49

މިސްރުގެ ޝަރްމުއްޝައިހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންފި އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައި ދެއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ޤައުމުތަކުން އެއްބައިވުމަށް ވަނީ ގޮވާލައްވާފައެވެ.

އެ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައި، ރާއްޖެއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަން ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި، ހަރުދަނާ ގޮތެއްގައި މޫސުމީ ބަދަލުތަކަށް އިޖާބަދިނުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި، ޤައުމުތަކުގެ މަތީފެންވަރުގެ ވަފުދުތަކާއި އެކު ބައްދަލުވުންތައް ބާއްވަވާފައެވެ. މީގެ އިތުރުން ކޮޕް27 ކޮންފަރެންސްގެ ތެރެއިންބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮރ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަރާފައިވާ ގައުމުތަކުންވެސް ދެނެގަނެ، ޒިންމާ އުފުލެއްވުމަށްވެސް ނައިބުރައީސް ގޮވާލެއްވިއެވެ.

އަދި " "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގަންނަވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27)ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20، (ވީ20) ގައިވެސް ރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރ ޝައިޚް އަޙްމަދު އަލްޠައްޔިބާ ވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އަލްއަޒްހަރު އަލްޝާރިފްގެ ގްރޭންޑް އިމާމް ވަނީ ރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި، މުދައްރިސުން އިތުރަށް ފޮނުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ވަނީ، މިޞްރުގައި ކިޔަވަންތިބި ދިވެހި ކިޔަވާކުދިންނާއިވެސް ޤާހިރާގައި ބައްދަލު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް