ބާޖެއް ބަންޑުން ޖަހާލައި އެއިން މީހަކު ގެއްލިގެން ހޯދަނީ

ލޭންޑިންގކްރާފްޓެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް، އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ދިޔަވުމ...

12 Nov 2022 | 11:57

ލޭންޑިންގކްރާފްޓެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް، އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

"ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ދިޔަވުމުގެ ސަބަބުން އެ ލޭންޑިންގކްރާފްޓް ބައްޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 12:50 ހާއިރުއެވެ. ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުންނެވެ. ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން މިއަދު 16:10 ހާއިރު ގދ.ވާދޫއަށް ގެންދެވިފައިވާއިރު، ހަތަރު ވަނަ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ކުރަމުންކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް