އާލިއާއަށް މިހާރު އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކަރީނާ

ދާދި ފަހުން މަންމައަކަށްވި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އާލިއާ ބަޓް އަށް މިދުވަސްކޮޅު އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކަރީނާ ކަޕޫރް ޚާންކަން ހާމަވެއްޖެއެވެ. ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ވިހެއު...

12 Nov 2022 | 11:57

ދާދި ފަހުން މަންމައަކަށްވި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އާލިއާ ބަޓް އަށް މިދުވަސްކޮޅު އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ކަރީނާ ކަޕޫރް ޚާންކަން ހާމަވެއްޖެއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ވިހެއުމަށްފަހު އެހެން މައިން ފަދައިން އާލިއާ ވެސް މިދުވަސްކޮޅު ދަނީ ޕޯސްޓްޕާޓަމްގެ ދުވަސް ކޮޅާ ކުރިމަތިލަމުންނެވެ. ތުއްތު ދަރިފުޅުގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން، ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާމެދު އާލިއާ ވެސް ފިކުރު ކުރަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް އެ ފިކުރުތަކުން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް އާލިއާއަށް ވަނީ ކަރީނާއެވެ. ދެ ފިރިހެން ދަރިންގެ މަންމައެއް ކަމަށްވާ ކަރީނާ ބުނި ގޮތުގައި، ވިހެއުމަށްފަހު އޭނާއަށް ވެސް އެކަންތައްތަކާ ކުރިމަތިވެ، ނަފްސާނީ ގޮތުން ވެސް ކަރީނާއަށް ކޮންމެވެސް ވަރަކަށް އެކަމުން އަސަރު ކުރިއެވެ. ނަމަވެސް ފިރިމީހާއާއި އެކުވެރިންގެ ކިބައިން ލިބުނު އަޅާލުމާ އޯގާތެރިކަމުގެ ސަބަބުން ޕޯސްޓްޕާޓަމް ފޭސްއިން ކަރީނާއަށް އަރައިގަނެވުނު ކަމަށް އޭނާ ލިޔުނު ފޮތެއްގައި ވެސް ބަޔާން ކޮށްފައިވެއެވެ.

ކަރީނާ ކުރި ތަޖުރިބާއާއި ލިބުނު މައުލޫމާތުތަކުގެ އަލީގައި މިހާރު އޭނާ ދަނީ އާލިއާއަށް ވެސް އެހީތެރިވަމުންނެވެ.

އެގޮތުން އާލިއާއަށް އޭނާގެ އެހީތެރިކަން ބޭނުންވާ ކޮންމެ ފަހަރަކު ކަރީނާ ހުންނަ ކަމަށާއި ވަރަށް ގިނަ އިބުރަތްތެރި ނަސޭހަތްތައް ވެސް ކަރީނާ ދަނީ އާލިއާއަށް ބުނެދެމުންނެވެ. އަދި މިހާކަތުގައި އާލިއާއަށް އެންމެ ބޮޑަށް ބޭނުންވާނީ އޭނާގެ އެންމެ ގާތް މީހުންގެ އެހީތެރިކަން ކަމަށް ވެސް ކަރީނާ ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް