ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ (ގުރޫޕް އެފް)

މިހާތަނަށް 5 ފަހަރު ވޯލްޑް ކަޕް ކުޅެފައިވާ ކްރޮއޭޝިއާ އަކީ އެންމެ ފަހުން އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ޓީމެކެވެ. ފައިނަލްގައި ކްރޮއޭޝިއާ ފްރާންސް އަތުން ބަލިވީ 4-2 ގެ ނަތ...

12 Nov 2022 | 10:19

މިހާތަނަށް 5 ފަހަރު ވޯލްޑް ކަޕް ކުޅެފައިވާ ކްރޮއޭޝިއާ އަކީ އެންމެ ފަހުން އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ޓީމެކެވެ. ފައިނަލްގައި ކްރޮއޭޝިއާ ފްރާންސް އަތުން ބަލިވީ 4-2 ގެ ނަތީޖާއިންނެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 12

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1998

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ރަނަރ-އަޕް 2018، 3 ވަނަ 1998

ކޯޗު

ނަން: ލަޓްކޯ ޑަލިކް

ގައުމު: ކްރޮއޭޝިއާ

އުމުރު: 56

އުފަންތާރީޚް: 26 އޮކްޓޯބަރ 1966

ޓީމާ ހަވާލުވީ: 2017 ވަނަ އަހަރު

ޑަލިކް އަކީ ކުރިން ތަފާތު ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދިން ބާނީއެވެ. ލަޑިކް 2000 ވަނަ އަހަރު ކޯޗިންގ ކެރިއަރު ފެށީ ވާޓެކްސްގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުންނެވެ. އޭގެ ފަހުން ތަފާތު ގިނަ ކްލަބްތަކަކަށް ކޯޗުކަން ކޮށްދީފައިވާއިރު، އޭގެ ތެރޭގައި ސައޫދީ އަރަބިއާގެ އެންމެ މަޝްހޫރު ކްލަބް އަލް-ހިލާލް ވެސް ހިމެނެއެވެ. ދަށް ނަތީޖާތަކެއްގެ ސަބަބުން އޭރުހުރި ކޯޗު ވަކިކޮށް، ލަޑިކް ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ 2017 ވަނަ އަހަރުގައެވެ. 2018 ގެ ވޯލްޑް ކަޕަށް ކޮލިފައި ނުވެއްޖެނަމަ މަގާމުން ވަކިވާނެކަން އިޢުލާނުކުރި ލަޑިކްގެ މާލިމީކަމުގައި ކްރޮއޭޝިއާ ވަނީ އެ ފަހަރުގެ މުބާރާތަށް ކޮލިފައިވެ، ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. ލަޑިކްގެ އިރުޝާދުގެ ދަށުން މިހާތަނަށް ކްރޮއޭޝިއާ 62 މެޗު ކުޅެފައިވާއިރު، މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓްގެ އަދަދަކީ 1.79 އެވެ.

މުހިންމު ކުޅުންތެރިން:

ލޫކާ މޮޑްރިޗް

2018 ވަނަ އަހަރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ފީފާ ބެސްޓް އެވޯޑާއި ބެލަންޑޯ ވެސް ހޯދި ލޫކާ މޮޑްރިޗަކީ އުމުރުން 37 އަހަރުގައި އަދިވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ މިޑްފީލްޑަރެކެވެ. ބޯޅަ ކޮންޓްރޯލްކުރުމާއި، ނުރައްކާތެރި އެޓޭކްތަކަށް މަގުފަހިވާ މޮޅު ޕާސްތައް ލުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިއެވެ. ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކެޕްޓަން ވެސްމެއެވެ. ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް މި ސީޒަންގެ ލީގުގައި 13 މެޗުން މޮޑްރިޗް ވަނީ 3 ލަނޑު ޖަހާ 2 އެސިސްޓް ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން 2 ލަނޑު ޖަހާފައިވެއެވެ. 2006 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ މޮޑްރިޗް މިހާތަނަށް ވަނީ ގައުމީ ޓީމަށް 154 މެޗު ކުޅެފައެވެ. އަދި 23 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

އިވާން ޕެރިސިޗް

ޕެރިސިޗް އަކީ ކްރޮއޭޝިއާގެ ފޯވާޑް ލައިންގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. 2018 ގެ ވޯލްޑްކަޕްގައި ގްރޫޕް ސްޓޭޖްގެ ފަހު މެޗު އައިސްލޭންޑް ކޮޅަށް ލަނޑު ޖެހުމުގެ އިތުރުން ސެމީ ފައިނަލްގައި އިންގްލެންޑާ އެއްވަރުކުރި ލަނޑުޖަހާ، މޮޅުވި ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީ ވެސް ޕެރިސިޗެވެ. ޓޮޓެންހަމްއަށް މި ސީޒަންގެ ލީގުގައި ކުޅުނު 14 މެޗުން އޭނާ ވަނީ 4 އެސިސްޓް ހަދާފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 5 މެޗުން 2 އެސިސްޓް ހަދާފައިވެއެވެ. މި ސީޒަންގައި އަދި ގޯލާ ދުރުކޮށް ފެނުނަށް، ގައުމީ ޓީމަށް 115 މެޗުން 32 ލަނޑު ޖަހާފައިވާ އުމުރުން 33 އަހަރުގެ ވިންގަރ ވާނީ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއަށް ވަރަށް ވެސް މުހިންމު ކުޅުންތެރިއަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް