މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އިން ފަންޑެއް ހުޅުވައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި10 ބިދޭސީން މަރުވެފައިވެ އެވެ. އަލިފާން ރޯވި ގެއަކީ ބިދޭސީންނަށް ކުއްޔަށް ދޫކުރާ ގެއެކެވެ.
އެމްއެމްޑަބްލިއުއެމް އިން ބުނީ އެ ގެ އެއްކޮށް އެނދުމުން ގިނަ ބިދޭސީންތަކެއް ހާލުގައި ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި14 ބިދޭސީން ހިމެނެ އެވެ.
އެ ޖަމިއްޔާއިން ބުނީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެ14 މީހުންނަށާއި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ކަމަށެވެ. މި ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކަށް ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުންވެސް އެހީވެދެވެ އެވެ.
- ދިވެހި ރުފިޔާ: 7730000378559 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)
- ޔޫއެސް ޑޮލާ: 7730000378560 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)
ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ގުޅޭ މައުލޫމާތު ހޯދުމަށް 7384994 ވައިބާ ނުވަތަ ވަޓްސްއެޕް ކުރެވޭނެ އެވެ.
އަލިފާނުގެ ހާދިސާގެ މައުލޫމާތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އަބްދުލް މޫމިނަސް ފޯނު މެދުވެރިކޮށް ދީފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް އިންޑިއާ ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. އެކަކަކީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ.
މީގެ ތެރެއިން އާއިލާއިން ބޭނުންވާ މީހުންގެ ހަށިތައް ގައުމަށް ފޮނުވައި ދިނުމަށްވެސް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް