އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު ޗާލްސްއާއި އޭނާގެ އަނބިކަނބަލުން ކެމިއްލާގެ ގަޔަށް ބިސް އުކި މީހާ، އާންމުންގެ ތެރޭގައި ބިސް ގެންގުޅުން މަނާ ކޮށްފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އުމުރުން 23 އަހަރުގެ ޕެޓްރިކް ތެލްވެލް، ކިންގް ޗާލްސްއާއި ކުއީން ކޮންސޯޓް ކެމިއްލާގެ ގަޔަށް ބިސް އުކާފައި ވަނީ މިދިޔަ ބުދަ ދުވަހު ޔޯކްގައެވެ.
ޔޯކް ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުންދާ ޕެޓްރިކް "ދަ މިރޯ" އަށް މައުލޫމާތު ދެމުން ބުނީ ފުލުހުން އޭނާ ހައްޔަރު ކުރުމަށްފަހު ވަރަށް ގިނައިރު ވަންދެން ފުލުސް އޮފީހުގައި ބޭންދި ކަމަށެވެ. ނަމަވެސް އެއްވެސް ދެރައެއް ނުވާ ކަމަށާއި ފުލުހުން އޭނާ ދޫކޮށްލިއިރު، އޭނާގެ ރަށްޓެހިން އޭނާ ބަލާ ގޮސް ތިބި ކަމަށް ވެސް ޕެޓްރިކް ބުންޏެވެ.
ޕެޓްރިކް އިތުރަށް ބުނީ، ކިންގް ޗާލްސްގެ ގަޔަށް ބިސް ޖެހުމުން ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދަނިކޮށް، އެތަނަށް އެއްވެފައި ތިބި މީހުން ރުޅި އައިސްގެން އޭނާގެ މޫނަށް ކުޅު ޖަހައި، އިސްތަށިގަނޑަށް ވެސް ދެމިކަމަށެވެ. އަދި އޭނާގެ ބޯ ކަނޑާލުމަށް ވެސް ގޮވަމުން ދިޔަ ކަމަށް ބުންޏެވެ.
"މީހުންގެ އެފަދަ ޢަމަލުތަކުން ވެސް އެނގެނީ އޭނައަކީ (ކިންގް ޗާލްސްއަކީ) ވަރަށް މަތިވެރި މީހެއް ކަމުގައި މީހުން ޖެހުލުމެއް ނެތި ޤަބޫލު ކުރާކަން" ޕެޓްރިކް ބުންޏެވެ.
ތިމާވެށީގެ ރައްކާތެރި ކަމަށް ކިންގް ޗާލްސް އަހުލުވެރި ކުރުވަމުން ގެންދަވަނިކޮށް، އޭނާގެ ގަޔަށް ބިސް ޖެހީ ކީއްވެތޯ ސުވާލު ކުރުމުން ޕެޓްރިކް ބުނީ ކިންގް ޗާލްސްއަކީ އިންޑިއާ އާއި އެފްރިކާއިން ވަގަށް ނަގާފައި ހުރި ގަހަނާއިން ހެދުން ހަދައިގެން ތުރުކުރައްވާފައި ހުންނަ ބޭފުޅެއް ކަމަށާއި އެފަދަ މީހަކަށް ޤައުމުގެ ހެވާއި ލާބައަށް އެއްވެސް މަސައްކަތެއް ކޮށްދެއްވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް