މިސްރުގައި އޮންނަ އިމާމުން ތަމްރީންކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މިސްރު ސަރުކާރުގެ ފަރާތުން ހުރިހާ ޚަރަދެއް ކުރާގޮތަށް ހިންގާ ތަމްރީން ކޯހެއްކަމަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށެވެ.
މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށް މިޞްރުގެ ވެރި ރަށް ޤާހިރާގައެވެ.
ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ޢަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާއި، ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުގައިވުން ހިމެނެއެވެ. އަދި ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ދީނީ ތަޤްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުންވެސް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ކޯހަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމުގައި ޢަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާއަށް ބަލާނެކަމަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް