ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: މޮރޮކޯ (ގުރޫޕް އެފް)

މޮރޮކޯއަކީ ވޯލްޑް ކަޕްގައި އެހާ ވިދާ ނަމެއް ނޫނެވެ. އެފްރިކާ ބައްރަށް ނިސްބަތްވާ މި ގައުމު ދެ ހާހުގެ އަހަރުތައް ފެށުނު ފަހުން ވޯލްޑް ކަޕަކަށް ކޮލިފައިވީ 2018 ގައެވެ. އެހެންކަމުން، ޖެހިޖެހިގެން 2 ވަނަ ...

11 Nov 2022 | 19:39

މޮރޮކޯއަކީ ވޯލްޑް ކަޕްގައި އެހާ ވިދާ ނަމެއް ނޫނެވެ. އެފްރިކާ ބައްރަށް ނިސްބަތްވާ މި ގައުމު ދެ ހާހުގެ އަހަރުތައް ފެށުނު ފަހުން ވޯލްޑް ކަޕަކަށް ކޮލިފައިވީ 2018 ގައެވެ. އެހެންކަމުން، ޖެހިޖެހިގެން 2 ވަނަ ވޯލްޑް ކަޕަކަށް ކޮލިފައިވުމަކީ ވެސް އެ ގައުމަށް ހޯދުނު ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

ބައްރު: އެފްރިކާ

ފީފާ ރޭންކިން: 22

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1970

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ދެ ވަނަ ބުރު 1986

ކޯޗު

ނަން: ވަލީދު އަލްރަކްރަކީ

ގައުމު: މޮރޮކޯ

އުމުރު: 47

އުފަންތާރީޚް: 23 ސެޕްޓެމްބަރ 1975

ޓީމާ ހަވާލުވީ: 2022 ވަނަ އަހަރު

ފްރާންސަށް އުފަން، މޮރޮކޯގެ ރައްޔިތެއް ކަމުގައިވާ ވަލީދަކީ ކުރިން މޮރޮކޯގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއި ސްޕެއިންގެ ބައެއް ކްލަބްތަކަށް ކުޅެފައިވާ ވަލީދު ކޯޗިންގ ކެރިއަރު ފެށީ މޮރޮކޯ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުންނެވެ. އެއަށްފަހު ތަފާތު 4 ކްލަކަށް ވެސް ކޯޗުކަން ކޮށްދީފައިވެއެވެ. މޮރޮކޯގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވަލީދަށް ލިބުނީ މި އަހަރުގެ އޮގަސްޓް މަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް މޮރޮކޯ ކުޅުނީ އެންމެ 2 މެޗެވެ. އޭގެ ތެރެއިން 1 މެޗުން މޮޅުވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

މުހިންމު ކުޅުންތެރިން:

އަޝްރަފް ހަކީމީ

އުމުރުން 24 އަހަރުގެ އަޝްރަފު ހަކީމީ އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ރައިޓް ބެކުންގެ ތެރޭގައި ގުނާލެވޭ ޒުވާން ހުނަރުވެރި އަދި އެހާމެ ހަލުވި ކުޅުންތެރިއެކެވެ. މޮރޮކޯ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގައި އެންމެ ވިދާ ނަމެވެ. ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ހަކީމީ މި ސީޒަންގެ ލީގުގައި 13 މެޗު ކުޅެފައިވާއިރު، 2 ލަނޑު ޖަހާ 1 އެސިސްޓް ހަދާފައިވެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 2 މެޗުން 2 އެސިސްޓް ހަދާފައިވެއެވެ. 2016 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ ހަކީމީ މިހާތަނަށް ގައުމީ ޓީމަށް 53 މެޗު ކުޅެ 8 ލަނޑު ޖަހާފައިވެއެވެ.

ރޮމައިން ސައިސް

އުމުރުން 32 އަހަރުގެ ސައިސް އަކީ މޮރޮކޯ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. ގައުމީ ޓީމުގެ ކެޕްޓަން ވެސްމެއެވެ. ސެންޓަރ ބެކަށް ކުޅޭ ސައިސް، މޮޅު ޑިފެންޑަރެއްގެ އިތުރުން ފާހަގަކުރެވެނީ ބިލްޑް-އަޕް ގޭމަކަށް ފަހަތުން މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. މި ސީޒަންގައި ބެސިކްޓަސްއަށް އޭނާ ކުޅުނު 11 މެޗުން 1 އެސިސްޓް ހަދާފައިވެއެވެ. މޮރޮކޯގެ ގައުމީ ޓީމަށް 2012 އިން ފެށިގެން ކުޅެމުން އަންނައިރު، 65 މެޗުން 1 ލަނޑު ޖަހާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް