ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އަފްގާނިސްތާނުގައި ވަގުތީ ސަރުކާރު އެކުލަވާލާފައިވާ ތޯލިބާނުންނާއި އެކު އިންޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ "ދިއްލީ ސެކިއުރިޓީ ޑައިލޮގް" ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
މި މަޝްވަރާގައި އަށް ގައުމަކުން ބައިވެރިވި އެވެ. އެއީ އިންޑިއާގެ އިތުރުން ކިރްގިސްތާން، އުޒްބަކިސްތާން، ކަޒަކިސްތާން، އީރާން އަދި ރަޝިއާ އާއި ތުރުކުމެނިސްތާން އާއި ތަޖިކިސްތާނެވެ.
މި މަޝްވަރާއަށް ފަހު ނެރުނު ޖޮއިންޓް ސްޓޭޓްމެންޓުގައި ބުނެފައިވަނީ ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތަށް ތޯލިބާނުން އެއްބާރުލުހުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެގޮތުން އަފްގާންގެ ބިމުގައި ގައުމުތަކާއި ދެކޮޅަށް ޓެރަރިސްޓު ހަމަލާ ދިނުމަށް ރޭވުމުގެ ފުރުސަތު ނުދޭން މަސައްކަތް ކުރުމަށް ތޯލިބާނުން އެއްބަސްވެފައިވެ އެވެ.
މި ބައްދަލުވުމުގަިއ މަޝްވަރާ ކުރި ކަންކަމުގެ ތެރޭގައި އަފްގާނިސްތާނުގައި ހިންގާ ޑްރަގް ޓްރެފިކް ކުރުމާއި، ހައްދު ފަހަނައަޅާ ދިއުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރިއެވެ. އަދި އަފްގާނިސްތާނުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުންނަށް ކާބޯތަކެއްޗާއި އަންނައުނާއި ބޭހާއި ސިއްހީ ހިދުމަތްދޭނެ ސާމާނު ފޮނުވައި ދިނުމަށް ގައުމުތަކުން އެއްބަސްވެފައިވެ އެވެ.
މި ބައްދަލުވުމާއި ގުޅިގެން ތޯލިބާނުން ބުނެފައިވަނީ ބައްދަލުވުމުގައި ބައިވެރިވި އަށް ގައުމުން ކުރި ޑިމާންޑުތަކަށް ތޯލިބާނުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އިންޑިއާ ފަދަ ގައުމުތަކަކީ އަފްގާނިސްތާނު އާރާސްތު ކުރުމުގައި މީގެ ކުރިންވެސް ބޮޑެތި އެހީތައް ދީފައިވާ ގައުމަކަށް ވާތީ މި ބައްދަލުވުމަށް ފަހު މިހާރު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް