"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.
މި ހިިނގާލުން ފެށީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. 6:00 ގައި ނިންމާލި މި ހިނގާލުމުގައި ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ބައިވެރިވެ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާފައިވެ އެވެ.
މި ހިނގާލުމުގައި ޝުއޫރު ފާޅުކޮށްފައިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު ކަމަށް ބުނެ އެވެ. ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ އާއި މެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ބުނެފަ އެވެ.
އެކަމަކު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިންގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަކަށްވާތީ ހަޖަމް ނުކުރެވޭނެ ކަމަށް ބުނެ އަޑު އުފުލާފައިވެ އެވެ. އައްޑޫގައި ހަދާ ޕޮލިސް އެކެޑެމީގެ މައްޗަށް އިންޑިޔާގެ ނުފޫޒު އޮތް ކަމަށާއި ދެ ހެލިކޮޕްޓަރު ދުއްވުން ވެސް ދިވެހި ސިފައިންނާ ހަވާލު ކުރުމަށް އެ ހިނގާލުމުގައި ވަނީ ގޮވާލައިފަ އެވެ.
މި ހިނގާލުން ކުރިޔަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ މަގުތަކުގަ އެވެ. އެހެންވެ ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ޖާގަ ދީ ޓްރެފިކް ބަލަހައްޓައިފަ އެވެ.
އިދިކޮޅުން ބުނީ އެ ހަރަކާތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށެވެ. އިދިކޮޅުން ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވެސް ވަނީ ދައުވަތު ދީފަ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން އެ ދައުވަތެއް ގަބޫލެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް