ހުޅުމާލެ ފްލެޓެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭ ޣާޒީ ސްކޫލް ކައިރީގައި ހުންނަ 0584 ގެ ގްރައުންޑް ފްލޯގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވާން ފަށާފައިވާ ކަމުގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނަށް ގުޅާފައި ހުރި ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.
މީގެ އިތުރުން މި ހާދިސާގައި އުނދުން ރޯކުރަން އުޅުނު ކުއްޖާގެ ހެދުމުގެ އަތްކުރި އަނދައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.
މި ހާދިސާއާ އެކު ހުޅުމާލޭގައި މިއަދު ވަނީ އަލިފާނުގެ 3 ހާދިސާއެއް ހިނގާފަ އެވެ.
އޭގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ރޯ ހައުސްއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ އިރު، ދެވަނަ ފިޔަވަހީގައި ހުރި ކުނިތަކެއްގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ.
މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް