މި މަހުގެ ފުރަތަމަ 10 ދުވަސް ތެރޭގައި 47 ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރޭ ހަފުތާގެ ތަފާސް ހިސާބަށް ބަލާ އިރު، މި ނޮވެމްބަރު މަހުގެ ފުރަތަމަ 10 ދުވަސް ތެރޭގައި 47،076 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި މިއަހަރުގެ މިހައިތަނަށް 1.06 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.
ފައިބެއަހަރުގެ މާރޗު 27 އިން ޖުލައި 14 އަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތްނަމަވެސް މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %145 އިތުރުވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާފައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާ އިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި ރަޝިއާ މާކެޓުން މިހާރުވަނީ ފުލް ރިކަވަރީ އެއް އައިސްފަ އެވެ. އަދި ޔޫރަޕާއި މެދުއިރުމަތިން ވެސް ފަތުރުވެރިން ރާއްޖެ އައުން އިތުރުވެފައިވާ ކަމަށް ވަނީ ދައްކާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާ އިރު، 51,830 ޓޫރިސްޓު އެނދު އޮޕަރޭޝަނުގައި އޮތް އިރު، އެބައޮތެވެ. އެއީ 903 ފެސިލިޓީ އެވެ. އޭގެ ތެރޭގައި 160 ރިސޯޓާއި 599 ގެސްޓުހައުސް/ހޮޓާ އަދި 144 ސަފާރީ އުޅަނދު ހިމެނެ އެވެ.
ބައިނަލްއަގުވާމީ 33 އެއަރލައިނަކުން ރާއްޖެއަށް މިހާރު އުދުހޭ އިރު، އެންމެގިނައިން ފަތުރުވެރިން އަންނ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ރަޝިއާ، ޖަރުމަނު، އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް