ދައުވާ ކުރުމުން ކަންބޮޑުވޭ، ކުދިން ކޮންޓްރޯލް ކުރުމުގަ ގާނޫނާ ހިލާފެއް ނުވަން: ފުލުހުން

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓާ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި އަނިޔާކޮށް ޓޯޗާ ކުރި ކަމަށް ބުނެ13 ފުލުަހަކަށް ދައުވާ ކުރުމުން ފުލުހުންގެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށ...

11 Nov 2021 | 19:42

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓާ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި އަނިޔާކޮށް ޓޯޗާ ކުރި ކަމަށް ބުނެ13 ފުލުަހަކަށް ދައުވާ ކުރުމުން ފުލުހުންގެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

13 ފުލުހުންގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް އެ މައްސަލައިގަ ދައުވާ ކޮށްދިނުމަށް އެދުނީ އެޗްއާރުސީއެމްއިންނެވެ. އެކަމަކު މިއަދު ޕީޖީ އޮފީހުން ނިންމީ ޒެނީޝާ އާއި ބަޝީރަށް ދައުވާ ނުކުރާ ގޮތަށެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހިޔާގައި އޭރު ތިބި ކުދިންނަށް ތުލުސްދޫގައި ހިންގި އެ ކޭމްޕަކީ ފުލުހުންގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި އެކި އުމުރުފުރާގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭމްޕާއި ބްލޫޒް ފޯ ޔޫތް ކޭމްޕްގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން، އެ ކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކެމްޕެއް ކަމަށެވެ.

އެ ކޭމްޕްގައި ގެންދިޔަ ކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުނަށް ހުށަހަޅާފައި ނުވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ އެ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެ ކުދިން ކޮންޓްރޯލްކުރުމަށާއި އެ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައި ވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

ފުލުހުން ބުނީ އެޗްއާރުސީއެމްއިން މި މައްސަލަ މާ ފަހުން ނަގައިގެން ތަހުގީގު ކުރިގޮތާއި މެދު ކަންބޮޑުވާ ކަމަށެވެ. އެހެންވެ މި މައްސަލައިގައި އެ ކޮމިޝަންގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައިވާ ކަމަށް ފުލުހުންގެ ބުނެފައި ވެ އެވެ.

އެޗްއާރުސީއެމުން މި މައްސަލަ ތަހުގީގުކުރީ ކުދިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމުގައި އަނިޔާވެރި އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ޗައިލްޑް ރައިޓްސް ކޮމިޝަނުން ހުށަހެޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް