ޕާކިސްތާނުގެ ޕިޝާވަރުގައި 2014 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާއަކާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ސުޕްރީމް ކޯޓަށް ހާޒިރު ވާން އަންގައިފި އެވެ.
ޕިޝާވަރުގައި އެ އަހަރު ޓެރަރިސްޓު ހަމަލާދީފައިވަނީ އާމީ ޕަބްލިކް ސްކޫލަކަށެވެ. އެ ހަމަލާގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ 132 ދަރިވަރުންނާއި އެކު ޖުމްލަ 147 މީހަކު މަރުވެފައިވެ އެވެ. އެ ހަމަލާދީފައިވަނީ ޕާކިސްތާނުގެ ތޯލިބާނުން (ޓީޓީޕީ) އިންނެވެ.
އެ މައްސަލައިގަ ޕާކިސްތާނު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި ބޮޑުވަޒީރު އިމްރާންގެ މައްޗަށް ތުހުމަތު ކުރަނީ ހަމަލާ ދިނުމުގައި ކޮންމެސް ސިފައެއްގައި ބައިވެރިވާ ކަމަށް ބުނެ އެވެ. އެ މައްސަލައިގަ ކޯޓަށް ހާޒިރުވުމަށް ފޮނުވި ލިޔުން ސަރުކާރުން ބޮޑުވަޒީރު އިމްރާނާއި ހަމައަށް ނުގެންދާ ކަމަށް ޝަރީއަތުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން ވިދާޅުވެފައިވެ އެވެ.
އެހެންވެ އެ މައްސަލަ ބައްލަވާ އެ ގައުމުގެ އުއްތަމަ ފަނޑިޔާރު ގުލްޒާރު އަހުމަދު ވަނީ ވަގުތުން ބޮޑުވަޒީރަށް ގުޅުއްވައި ކޯޓުގެ އެންގުމުގެ މައުލޫމާތު ދިނުމަށް އަންގާފަ އެވެ. އަދި ސަރުކާރުގެ ފަރުވާ ކުޑަކަމުން ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައިވެ އެވެ.
މި މައްސަލައިގަ މަރުވި ކުދިންގެ އާއިލާތަކުން ކޯޓުގައި އެދިފައިވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެވިފައިނުވާތީ އެ ސްކޫލްގެ ސެކިއުރިޓީ ކަންކަމާއި ހަވާލުވެ ތިބި ޕާކިސްތާނުގެ އަސްކަރީ ވެރިން ވަޒީފާއިން ވަކިކޮށްދިނުމަށެވެ.
ޓީޓީޕީއާ ބޮޑުވަޒީރު އިމްރާން އާއި ގުޅުން އޮތް ކަމަށް ގަބޫލު ކޮށްފައި މިވަނީ އެ ގައުމުގެ ސަރުކާރާއި އެ ޖަމާއަތާއި ދެމެދު ސުލްހައިގެ މަޝްވަރާތައްް ފަށާފައި ވަނިކޮށެވެ. ސަރުކާރުން ބުނެފައިވަނީ އެ ބައްދަލުވުންތަކުން ކުރިއެރުން ލިބެމުންދާ ކަމަށެވެ.
މިކަމާއި ގުޅިގެން ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ އިމްރާން ހާންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ޓީޓީޕީ އެ ގައުމުގައި އުފެދުނ ީ2007 ވަނަ އަހަރު އެވެ. އޭގެ ފަހުން ޕާކިސްތާނުގައި ދެމުންދާ ގިނަ ޓެރަރިސްޓު ހަމަލާތަކުގެ ޒިންމާ އެ ޖަމާއަތުން ނަގަމުންދެ އެވެ. އަދި ޕާކިސްތާނުގައި ހިންގާ ޕޯލިއޯ ފަދަ ބަލިތައް ނައްތާލުމާއި ގުޅޭ ގިނަ ކެމްޕެއިންތަކަށް ހުރަސް އަޅައި ސިއްހީ ހިދުމަތްތެރިންގެ ގަޔަށް ބަޑިޖަހާ މެރުމަކީ ޓީޓީޕީން ހިންގާ ޖަރީމާތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް