ޒުވާން ދުވަސްވަރު އަހަރެން މީހެއްގެ ގަޔަށް ވަޅި ހަރާ މަރާލިން: ފިލިޕިންސްގެ ރައީސް

ޒުވާން ދުވަސްވަރު މީހެއްގެ ގަޔަށް ވަޅިން ހަމަލާދީ އެމީހާ މަރާލާފައިވާނެ ކަމަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ. ޑުޓާޓޭ މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސް...

11 Nov 2017 | 21:45

ޒުވާން ދުވަސްވަރު މީހެއްގެ ގަޔަށް ވަޅިން ހަމަލާދީ އެމީހާ މަރާލާފައިވާނެ ކަމަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ޑުޓާޓޭ މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިލިޕިންސްގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޒުވާން ދުވަސްވަރު އަހަރެން ޖަލަށް ލާނެ، ޖަލުން ނެރޭނެ، އުމުރުން 16 އަހަރުގައި އަހަރެން މީހަކު މަރާލިން، އެމީހާއަށް ވަޅިން ހަމަލާދިނިން. މިހާރު އަހަންނަކީ ގައުމުގެ ރައީސް" އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑުޓާޓޭ ވިދާޅުވެފައި ވެ އެވެ.

ޑުޓާޓޭ މިހެން ވިދާޅުވެފައިވާއިރު ޑުޓާޓޭގެ ތަރުޖަމާނު ބުނެފައިވަނީ އެއީ ޖޯކެއްގެ ގޮތުގައި ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ.

ޑުޓާޓޭގެ ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ޑުޓާޓޭ މިހެން ވިދާޅުވެފައިވަނީ އދ އިން ފިލިޕިންސަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބަށް ބަހުގެ އިންޒާރުތަކެއް ދެމުންނެވެ. އެ ޖަލްސާގައި ޑުޓާޓޭ ވިދާޅުވެފައިވަނީ "ކުރިމަތިން ފެނިއްޖެ ނަމަ އެ އަންހެންމީހާގެ މޫނުމައްޗަށް އަތްތިލަ ހެޔޮވަރު ކޮށްލައްވާނެ" ކަމަށެވެ.

އދ ގެ ހާއްސަ މަންދޫބަށް ޑުޓާޓޭ ބަހުގެ ހަމަލާތަށް ދީފައިމިވަނީ ޑުޓާޓޭގެ ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ކުށްވެރިކޮށް ތަކުރާރުކޮށް އދ ގެ މަންދޫބު ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.

ވެރިކަމުގައި 16 މަސްދުވަސް ހޭދަކުރައްވާފައިވާ ޑުޓާޓޭ ވެރިކަމަށް ވަޑައިގެންނެވީ މަސްތުވާތަކެތީގެ ވަބާ އެ ގައުމުން ނައްތާލާނެ ކަމުގައި ވައުދާއި އެކުގަ އެވެ. އަދި އެ ވައުދު ފުއްދުމަށް މިހާތަނަށް، މަސްތުވާތަކެތި ބޭނުންކުރާ އެތައް ހާސް ބަޔަކު މަރާފައި ވެ އެވެ. ގިނަ މީހުން މަރާފައިވަނީ ފުލުހުން މެދުވެރިކޮށެވެ. އަދި މަސްތު ހާލަތުގައި ރަށުތެރޭގައި އުޅޭނަމަ އެމީހަކު މެރުމުގެ ހުއްދަ އާއްމު ރައްޔިތުންނަށް އޮންނާނެ ކަމުގައިވެސް ޑުޓާޓޭ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް