ހުޅަނގު މޫސުމުގެ ބާރު ރާއްޖެ ސަރަހައްދުގައި ގަދަވެފައިވާއިރު މިވަގުތަކީ ރާއްޖޭގެ ހަތަރު ބިތުގައި ހަތަރު ކޮޅިގަނޑު އުފެދިފައިވާ ވަގުތެކެވެ.
އެއީ އަރަބިކަނޑުން މެދުގައި އެއް ކޮޅިގަނޑު، ފޯޅަވަހި ކައިރީގައި އެއް ކޮޅިގަނޑު، ބަންގާޅު ކަނޑުން އަންޑަމަން އަދި ނިކޮބަރ އައިލެންޑްސް ކައިރީގައި އެއް ކޮޅިގަނޑު އަދި ރާއްޖޭގެ އިރުން ކޮޅިގަނޑެކެވެ.
މި ހާލަތާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ރާއްޖެއަށް މިދުވަސްތަކުގައި މޫސުން ގޯސްވި ގޯސްވުމަކީ އެ ކޮޅިގަނޑުތަކުގެ ބާރު ކަމަށާއި އެހެން ނަމަވެސް އެ ހަތަރު ކޮޅިގަނޑުވެސް ފާހަގަކުރެވޭ މިސްރާބު ހުރީ ހަތަރު ދިމާއިންވެސް ރާއްޖެއާއި ދުރަށްކަމަށެވެ.
މީގެ އިތުރުން މިއިން އެއްވެސް ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ސަރަހައްދީ އެއްވެސް މޫސުމާއިބެހޭ އިދާރާއަކުން އަދި ބުނެފައިނުވާކަން މެޓް އޮފީހުން ފާހަގަކުރިއެވެ. އަދި ނިކޮބަރ އަދި އަންޑަމަން އައިލެންޑް ކައިރީގައިވާ ކޮޅިގަނޑު ބާރުގަދަވެދާނެ ކަމަށް ބެލެވުނު ނަމަވެސް ފޯޅަވަހި ކައިރީގައިވާ ކޮޅިގަނޑު ބާރު ދަށްވަމުން އަންނަކަންވެސް މެޓް އޮފީހުން ފާހަގަކުރިއެވެ.
މެޓް އޮފީހުން މިހެން ބުނެފައިވާއިރު އަވަށްޓެރި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިއަދު އާންމުކުރި އެ ޑިޕާޓްމަންޓްގެ ވެދަރ ބްރީފިންގައި ބުނެފައިވާގޮތުގައި އަރަބި ކަނޑުގައި ހުރި ކޮޅިގަނޑުގެ މިހާރުގެ ގިންތިއަކީ "ވެލް މާކްޑް ލޯ ޕްރެޝަރ" އެވެ. އަދި އެ ކޮޅިގަނޑުގެ ގިންތި މާދަމާ ހެނދުނުގެ ވަގުތެއްގައި "ޑިޕްރެޝަން" އެއްގެ ގިންތިއަށް ބަދަލުވުން ގާތެވެ.
މިއީ އިންޑިއާ ކަނޑުގައި އާއްމުގޮތެއްގައި ތޫފާންތައް އުފެދުމުގެ ފުރުސަތު އޮންނަ (ސައިކްލޯން ސީޒަން) ދުވަސްވަރެވެ.
ކޮޅިގަނޑެއް ތޫފާނަކަށް ވަނީ ގިނަ ގިންތިތަކެއް ގިރާ ކުރުމަށްފަހުގައެވެ. އެގޮތުން އެންމެ ފުރަތަމަ ސައިކްލޯނިކް ސިސްޓަމެއް ފާހަގަކުރެވި އެއަށްފަހު ލޯ ޕްރެޝަރ އޭރިއާއަކަށް ބަދަލުވެއެވެ. އެއަށްފަހު ވެލް މާކްޑް ލޯ ޕްރެޝަރ އަކަށް ބަދަލު ދެން ބަދަލުވެގެންދާނީ ޑިޕްރެޝަން އަކަށެވެ. އެއަށްފަހު ތޫފާނަކަށް ބަދަލުވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް