ސަރުކާރުގެ އެއްބާރުލުން ލިބޭ: މޭޔަރު އާޒިމް

މާލޭ ސިޓީ ކައުންސިލްގެ ކަންކަން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ އެއްބާރުލުން ލިބެމުން އަންނަ ކަމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ...

12 Oct 2024 | 17:25

މާލޭ ސިޓީ ކައުންސިލްގެ ކަންކަން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ އެއްބާރުލުން ލިބެމުން އަންނަ ކަމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މިއަދު އެމްޑީޕީއިން ބޭއްވި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން އެއްވެސް ދައްޗެއް ކުރިމަތިނުވާކަމަށާއި ބޭނުންވާ ކަންކަން ހަމަޖެހުނު ކަމަށެވެ.

އާޒިމްގެ ވާހަކައިގާ ސިޓީ ކައުންސިލްގައި ކޮންސަލްޓެންޓުންގެ ގޮތުގައި 15 މީހަކަށް ވަޒީފާ ދީފައިވާއިރު އޭގެ ތެރެއިން 14 މީހުންނަކީ އެމްޑީޕީގެ މެންބަރުންކަން ފާހަގަކުރިއެވެ.

އާޒިމް އެހެން ވިދާޅުވުމުން އެ ވާހަކަތައް ސޯޝަލް މީޑިއާގައި ޝެއާކުރާއިރު، ޕާޓީގެ މީހުންނަށް ކޮންސަލްޓެންޓުކަން ދިންކަމަށް ބުނާތަންކޮޅު ކަނޑާލާފައި ސޯޝަލް މީޑިއާއަށް ލުމަސް ކޮންފަރެންސްގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެދިލެއްވިއެވެ. އެހެން ނަމަވެސް އެއީ ލައިވްކުރަމުންވެސް ދިޔަ ކޮންފަރެންސެކެވެ.

އާޒިމްގެ ވާހަކައިގާ އިތުރަށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު ސަރުކާރު މައި ޕާޓީ ޕީއެންސީއަށް އޮތްނަމަވެސް ކަންކަމުގައި ކައުންސިލަރުންގެ އެއްބާރުލުމާ އެހީތެރިކަން އާޒިމަށް ލިބެމުންދެއެވެ. އަދި ކައުންސިލްގެ ބައްދަލުވުންތައް ލައިވްކޮށް ދައްކާއިރު ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ދެކޮޅަށް ވާހަކަދައްކަން އުނދަގޫ ކަމަށާއި މޭޔަރެއްގެ ގޮތުގައި ހުރެ ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ނުކުރެވޭނަމަ އެކަން ވެސް އެޅޭނީ އެމްޑީޕީގެ ބޮލުގައިކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް