ކަނޑުމަތިން ހާލުގައި ޖެހުނު މުދާ އުފުލާ "ކީސާ" ނަމަކަށް ކިޔާ ބޯޓަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ބޯޓަކީ މާލެއިން 2000 ބަސްތާ ހިލަވެލި ބަރުކޮށްގެން ނ.ކެނދިކުޅުދޫއަށް ދަތުރުކުރަމުން ދިޔަ 87 ފޫޓުގެ މުދާ އުފުލާ ބޯޓެއްކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން ބުނާ ގޮތުގައި ފަސް ފަޅުވެރިންނާއެކު ދަތުރުކުރަމުންދަނިކޮށް "ކީސާ" ބޯޓު ދިޔަވާން ފެށީ ޅ. ފެލިވަރު ކައިރީގައި އޮއްވައި އުޅަނދުގެ އަޑިން އަކަ ފޫޓެއްހާ ތަން ފަޅައިގެން ގޮސްގެންނެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ 22:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 116" ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
އެގޮތުން، އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ޑައިވަރުން އެ ބޯޓު ކައިރިއަށް ފައިބައި، އުޅަނދުން ފަޅައިގެން ގޮސްފައިވާ ތަން ބައްދައިދިނުމުގެ އިތުރުން، އެ އުޅަނދުން ދިޔަހިއްކުމުގެ މަސައްކަތް ވަނީ ކޮށްފައިކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ. އަދި އެ އުޅަނދު މިހާރު ވަނީ ޅ.ފެލިވަރު ބަނދަރަށް ވަދެފައި ކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.
މި ހާދިސާގައި އެ ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވަނީ ފާހަގަކުރައްވާފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް