އަންނަ ދައުރުގައި ކުރީގެ ރައީސް އަދި ޕީޕީއެން/ޕީއެންސީ ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވާދަ ކުރެއްވޭނެ ގޮތަށް ހުންނެވި ނަމަވެސް، ޕްރައިމަރީއަކާ ނުލާ ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ ޓިކެޓް ދެވޭނެ ކަމަށް ޕާޓީގެ ގަވާއިދު ބުނާކަމަށް އެ ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޑރ. މުއިއްޒުއާއެކު ނުކުމެ ހުންނެވީ ދެ ދައުރުގެ ވެރިކަމެއް ކުރެއްވުމަށް ކަމަށެވެ
ދެވަނަ ދައުރެއްގައި ރައީސް ޔާމީންއާއި ޑރ. މުއިއްޒު ވާދަ ކުރައްވާ ނަމަ ތާއީދު ކުރައްވާނީ ކާކަށްތޯ އަދުރޭއާ އަމާޒުކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ފަސް އަހަރު ކުރިން އެ ސުވާލަށް ޖަވާބު ދެއްވަން ފަސޭހަފުޅު ނުވާ ކަމަށެވެ.
ނަމަވެސް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ފަސް އަހަރު މަދުކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ، ތަރައްގީ ގެންނަން ފަސޭހަ ވާނީ އެއް ސަރުކާރަކާއެކު އެއް ވިސްނުމެއްގައި 10 އަހަރު ވެރިކަން ކުރުން ކަމަށެވެ.
ވިސްނުމަކީ ކާމިޔާބު ފަސް އަހަރަކަށްފަހު އިތުރު ފަސް އަހަރަކަށް ޑރ. މުއިއްޒު ވެރިކަމަށް ގެނައުން ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، ޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރައްވާ ވެރިއަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ނަމަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް