ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާކަން މިހާރު އެނގިނުލައްވާ ކަމަށް އެ ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް ޔާމީނާއި ޑރ. މުއިއްޒު ބައްދަލު ކުރައްވާތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، މަޝްވަރާއަކީ އެ ދެ ބޭފުޅުންގެ ދެމެދުގައި ހިންގަމުން ދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެ މަޝްވަރާ ކުރިއަށް ދަނީ ކިހާވަރަކަށް ކަމެއް ދަންނަވަން މިހާރު ނޭނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ސަބަބަކީ އިންތިހާބީ ރައީސް އޮފީހުގެ މަސައްކަތްތަކާއިގެން ބުރަކޮށް އުޅުއްވާތީ ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، އެ އެބޭފުޅުންގެ ދެމެދުގައި ބައްދަލުވުންތައް ކުރިއަށް ދާކަން މިހާރު އަދުރޭއަށް އެނގިވަޑައިގަންނަވަން ނުޖެހޭ ކަމަށެވެ. ސަބަބަކީ އެ ދެބޭފުޅުންގެ ދެމެދުގައި ފޯނުންވެސް މުއާމަލާތްތައް ހިނގާފާނެތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެހެންކަމުން އެ ދެބޭފުޅުންގެ ދެމެދުގައި މުއާމަލާތްތައް ހިނގަނީ ކިހާވަރަކަށް ކަމެއް ނޭނގޭ ކަމަށާއި އެކަން ބަލަން ނޫޅޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް