ބިދޭސީން ނިޔާވުމުން ޕެންޝަން ފައިސާ ހޯދަން ވާރިސުންނަށް އެދެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވަނީ، 'ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރި ކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ޢިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު" ގެ ފުރަތަމަ އިސްލާހު އާއްމު ކޮށްފައެވެ.
އާ އިސްލާހުގައި ވާގޮތުން، ބިދޭސީ މުވައްޒަފަކު ނިޔާވެއްޖެ ނަމަ، އެ މުވައްޒަފެއްގެ ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ ފައިސާ ހޯދުމަށް އެ މުވައްޒަފެއްގެ ވާރިސުންނަށް އެދެވިދާނެއެވެ.
ނަމަވެސް ފައިސާ ހޯދަން އެދެނީ ވާރިސުންކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކޯޓުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.
މީގެ އިތުރުން އާ އިސްލާހުގައި ވާގޮތުން، ބިދޭސީންނަށްވެސް ޕެންޝަން ފައިސާ ޖަމާ ކުރެވޭނީ ދިވެހި ރުފިޔާއިން، ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވިފައިވާ އެކައުންޓަކަށެވެ.
ޕެންޝަން އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފު ދާއިމަށް ރާއްޖެ ދޫކޮށް ދާނަމަ، ޕެންޝަން ފައިސާ ނެގޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ. އަދި އެނބުރި ރާއްޖެ އަތުވެއްޖެ ނަމަ އަލުން ޕެންޝަންގައި ބައިވެރި ވެވޭނެ ކަމަށާއި، ނަމަވެސް ދެވަނަ ފަހަރަށް ޕެންޝަން ފައިސާ ނެގޭނީ އެ މުވައްޒަފެއްގެ އުމުރުން 65 އަހަރު ވުމުން ކަމަށް އެ ގަވާއިދުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް