ކޮންމެ ދުވަހަކު ނޫސްތައް ކިޔާލާއިރު ނުވަތަ ފޭސްބުކަށް ވަންނައިރުވެސް މި ފެންނަނީ ކޮންމެވެސް މީހެއްގެ މަރެއްގެ ވާހަކައެވެ. އަޅުގަނޑުމެންނަށް އަބަދުވެސް ވިސްނިފައި އޮންނަނީ މަރުވާނީ މުސްކުޅިވުމުން ކަމަށެވެ. އެހެންނަމަވެސް ޚަބަރުތަކުގެ ސުރުޚީއަށް ބަލާލުމުންނާއި ކަށުނަމާދު ތަކުގެ އިޢުލާންތަކަށް ބަލާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މަރުވުމަށް ވަކި އުމުރެއް ނެތެވެ. އެހެނަސް ތިބާގެ ހިތާ ހިތާ ސުވާލުކޮށްލާށެވެ. ތިބާގެ އަމިއްލަ މަރާއިމެދު އެއްމެ ފަހުން ވިސްނާލީ ކޮންއިރަކުތޯއެވެ.
ދުނިޔެމަތީގަ ތިބާ އުޅޭނެ އެއްމެ ފަހު ދުވަހަކީ މިއަދު ކަމަށްވާނަމަ ނުވަތަ މާދަމާ ކަމަށްވާނަމަ ހަމަ އުޅޭނީ ތިގޮތަށް ހެއްޔެވެ. ނުވަތަ އުޅުން އިސްލާހުކުރާނަން ހެއްޔެވެ. އޭ އަޚާއެވެ. އޭ އުޚުތާއެވެ. މިއަދުވެސް މާދަމާވެސް މަރުވެދާނެއެވެ. އެގޮތަށް ވިސްނައިގެން އެއްމެ ފުރަތަމަ ވެސް ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާގެ ހަޒްރަތުން ފާފަފުއްސެވުމަށް އެދޭށެވެ. ލަސްނުކުރާށެވެ. މި ލިޔުން ކިޔުން ހުއްޓާލުމަށްފަހު ހިތާހިތުން ދުޢާކޮށްލާށެވެ. ތިބާ މަރުވުމުގެ ކުރިން ލިބޭ އެއްމެ ފަހު ފުރުސަތަކީ މީ ކަމަށްވެދާނެއެވެ. ހެޔޮ އަމަލުކުރާނީ މުސްކުޅިވީމައޭ ހީކޮށް ނުހުންނާށެވެ. މުސްކުޅިވަންދެން ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަގީންކަން ތިމާއަށް އޮތީހެއްޔެވެ. ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ދެކޭނެ އެއްޗެއް ކަން ކީރިތި ގުރުއާނުގައި މާތް ﷲ ވަނީ އަންގަވާފައެވެ.
(كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ) [آل عمران:185]
“ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. އަދި ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ޢަމަލުތަކުގެ އަޖުރު ބަރާބަރަށް ދެވޭނެއެވެ. ފަހެ ނަރަކައިގެ އަލިފާނުން މިންޖު ކުރެވި، ސުވަރުގެ ވެއްދުނު މީހާ ދަންނައެވެ. ފަހެ އޭނާ ކާމިޔާބު ވެއްޖެކަން ކަށަވަށެވެ. އަދި ހަމަކަށަވަރުން މިދުނިޔަވީ ޙަޔާތަކީ ކެހިދެނިވި ސާމާނުތަކެއް ކަމުގައި މެނުވީ ނުވެއެވެ.”
ވަގުތު ދަނީ ބާރަށް ހިނގަމުންނެވެ. ވަގުތު ފާއިތުނުވަނީސް މަރަށް ތައްޔާރުވާށެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އެއްމެ ފަހު ވަގުތަށް ކަންތައްތައްކުރަން މަޑުކުރާ މީހުންނެވެ. ތަނަކަށް އެޕްލިކޭޝަނެއް ހުށަހަޅަށް ޖެހުނަސް ސީޓީއެއް ހުށަހަޅަން ޖެހުނަސް ވަގުތު ފާއިތުވުމުން ވަގުތު އިތުރުކޮށްދޭން އެދޭ މީހުންނެވެ. ވިސްނާށެވެ. މަރުގެ ވަގުތު އައުމުން ލަހެއް ފަހެއް ނޯންނާނެއެވެ. މަރުގެ ވަގުތު އިންސާނާ އާއި އައިސް ޖެހުމުން އޭނާގެ އިހްސާސްތައް ﷲ ވަނީ ވަހީ ކުރައްވާފައެވެ.
(حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ * لَعَلِّي أَعْمَلُ صَالِحاً فِيمَا تَرَكْتُ) (المؤمنون:99 ، 100]
“ފަހެ އެބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެ ހިނދު އޭނާ ބުނާނެއެވެ. އޭ މިއަޅާގެ ރައްބެވެ. މިއަޅާ އަނބުރާ އަލުން (ދުނިޔެއަށް) ފޮނުއްވަވާންދޭވެ. އެއީ މިއަޅާ އެތާނގައި ދޫކޮށްފައިވާ ވަޤުތުތަކުގައި ޞާލިޙް ޢަމަލު ކުޅައުމަށެވެ.”
އަލުން އަނބުރާ ދުނިޔެއަށް އައުމެއް ނުވެއެވެ. އިސްލާހު ވާށެވެ. ލަސް ނުކުރާށެވެ. ﷲ ގެ ރަހުމަތްވަނީ ތަނަވަސްވެގެންނެވެ. އެއިލާހީ ގިނަގިނައިން ފާފަ ފުއްސަވާ ރަހުމާންވަންތަ ރަހީމްވަންތަ ރަސްކަލާގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް