ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވެމުން ދާ އަދަދު އަންނަނީ އިތުރުވަމުން: އެޗްޕީއޭ

މި އަހަރުގެ އޭޕްރީލުން ފެށިގެން މިހާތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވެމުންދާ އަދަދު އިތުރުވެފައިވާކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު އޮކްޓޯބަރު މަހު މިހާތަނަށ...

12 Oct 2022 | 14:00

މި އަހަރުގެ އޭޕްރީލުން ފެށިގެން މިހާތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވެމުންދާ އަދަދު އިތުރުވެފައިވާކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު އޮކްޓޯބަރު މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވޭ މިންވަރުވެސް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ޑެންގީ ހުމާއި ގުޅޭގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އާންމުގޮތެއްގައި ކޮންމެ އަހަރަކުވެސް ވިއްސާރަމޫސުމާއި ގުޅިގެން ޑެންގީ އުޅޭ ނިސްބަތް އިތުރުވެގެންދާކަމަށާއި މި އަހަރަކީ ގިނައިން ވިއްސާރަކުރި އަހަރަކަށްވެފައި މިހާރުވެސް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރި އާލާވެ އިތުރުން ކުރިއަށް އޮތްތަނުގައި ގިނަވާނެކަމުގައި ބެލެވޭކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ޑެންގީއަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށް ވުމުން، މި ބަލިން ރައްކާތެރިވުމަށް މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުން މަދުކުރުމަށްޓަކައި އަންނިވި ކަންކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާކަމަށެވެ.

ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް:

  1. މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޑް ބޭނުން ކުރުން. މިގޮތުން ދުވާލުގަޑީގައި ގޭތެރެއާއި ބޭރުގައި އުޅޭއިރު، ހަމުގައި ހާމަކޮށް ހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުނގުޅުން
  2. ރެޕެލެންޓް ބޭނުންކުރުމުގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިންމު (DEET, Picardin (KBR3023 or Icaridin), IR3535, OLE, PMD and 2-undecanone)
  3. ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ އަދި ގެއާއި ގޯތިތެރޭގައި ގިނައިރު އުޅޭ މަދިރިއަކަށްވުމާއި، ހާއްސަކޮށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތު މަދިރި އުޅޭވަރު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަދޮރުތައް އެގަޑިތަކުގައި ލައްޕާފައި ބެހެއްޓުން

ޑެންގީ ފަތުރާ މަދިރި އަލާވާ ތަންތަން ނައްތާލުން:

  • ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށި ޖަހާ ހަރުގަނޑުގެ ޓްރޭފަދަ) މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން
  • ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުން
  • ގޯތިތެރޭގައި ހުންނަ ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތިފަދަ ސާފުކުރުން އަދި ފެން ނޭޅޭގޮތަށް ބެހެއްޓުން/ބަންދުކުރުން
  • އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެން ހަރުލާތަކެތި އުކާ ނުލުން.
  • އާންމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނޭހެން ބަންޑުން ޖެހުން ނުވަތަ މަތި އެޅުން

ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރަށް، އެހެނިހެން ނުރައްކާތަކާ ކުރިމަތިވެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީގެ ނުރައްކާ ބޮޑެވެ. މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ ފަރުވާ ނުފެށިއްޖެނަމަ، ފުރާނައަށް ނުރައްކާވުންވެސް އެކަށީގެންވެއެވެ.

އެހެންކަމުން ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތެއް (ކުޑަކަމުދެވޭ މިންވަރު މަދުވުން، މާބޮޑަށް ވަރުދެރަވުން، ތުއްތުކުދިންނަށް ގާތުން ނުބޮވުން، ބަނޑުގައި ރިއްސުން، ގިނައިން ހޮޑުލެވުން، ހަށިގަނޑުގެ އެއްވެސް ތަނުން ލޭއައުން ފަދަ އަލާމާތްތައް) ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ދިއުން ވަރަށް މުހިއްމެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ މުހިއްމު އެއްކަމަކީ ޑެންގީ ޖައްސާ މަދިރި އާލާވުން ހުއްޓުވުމެވެ. މިކަން ހާސިލްކުރެވޭނީ ލޯކަލް ކައުންސިލްތަކާއި، ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި، ކޮންސްޓްރަކްޝަން އަދި އެހެނިހެން އިންޑަސްޓްރިއަލް މަސައްކަތްކުރާ ސައިޓްތައް ހިންގާ ފަރާތްތަކާއި، އާއްމު ފަރާތްތަކުގެ ބައިވެރިވުމާއެކުކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް