ކަންކަން ބަލައި ހޯދައި، ޢިލްމީ ދަންމަރު ނިވުނަ ނުދީ ދަމަހައްޓާ ބަޔަކަށް، ދަސްވެނީން ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފި އެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އޮތް ދަސްވެނިވުމުގެ މި ޙަފްލާގައި، ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މައިގަނޑު ދެކަމެއްގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
މިގޮތުން، ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ މައިދާނުގައި ކުރަންޖެހޭނެ ތަޖުރިބާތަކުގެ މައްޗަށާއި ދިރިދުނިޔޭގައި ހުރިހައި ދުވަހަކު ޢިލްމު އުނގެނުމުގެ މުހިއްމުކަމާއި ބެހޭގޮތުން އެކަމަނާ ވާހަކަފުޅު ދައްކަވައި، ދަސްވެނީންނަށް އިރުޝާދާއި ނަސޭހަތް ދެއްވި އެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތުގެ ޢަމަލީ މައިދާނުގައި، ތަފާތު ޙާލަތްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް މަންޒިލަށް ވާޞިލް ވުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އަދި، މަސައްކަތުގެ މާޙައުލުގައި އަބަދު ވެސް އަމާޒަކަށް ހަދަންވީ، ހުރިހާ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކޮށް، ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ދަސްވެނީންނަށް އުނގެނުމުގައި ދެމި ތިބުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި އެކަމަށް ހިތްވަރުދެއްވި އެވެ. މިގޮތުން، ޑިގްރީއިން، މާސްޓަރސްއިން ނުވަތަ ޕީއެޗްޑީއިން ދަސްވަނީ އެކޯސްތަކުގައި ހިމެނޭ މަޢުލޫމާތުކޮޅު ކަމަށާއި، އެ މިންވަރުން ދުނިޔޭގެ ހުރިހާކަމެއް ތިމާއަށް އެނގުނީކަމަށް ދެކޭނަމަ އެއީ ގޯހެއްކަމުގައި އެކަމަނާ ވިދާޅުވި އެވެ.
އެހެންކަމުން މިއަދު ހާސިލްކުރެވުނު ޢިލްމަކީ، ޙަޔާތުގެ ބާކީ އޮތް ދުވަސްވަރު، އިތުރު މަޢުލޫމާތު ހޯދައި، ހުނަރުތައް ދަސްކުރުމަށް، ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ބެއްލެވުމަށް ދަސްވެނީންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން، ބެޗެލަރސް އިން ޝަރީޢާ އިން ލޯ އޮނަރސް ކޯހުން އެއްވަނަ ހޯދި ދަރިވަރަށް، ޤައުމީ ޔުނިވަސިޓީންދޭ ޝަރަފްގެ އެވޯޑާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެވެ.
މީގެ އިތުރުން މި ޙަފްލާގައި ބެޗްލަރސް އާއި މާސްޓަރސް ޑިގްރީ ހާސިލްކުރި އެހެން ބައެއް ދަރިވަރުންނަށް ވެސް އެކަމަނާ ވަނީ ސަނަދުތައް ޙަވާލުކޮށްދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް