ބޮލީވުޑްގައި ކުރި އަރަމުން އަންނަ ބަތަލް އިޝާން ކައްކަރު ކުޑައިރު ރަނގަޅު ސްކޫލަކުން ޖާގަ ހޯދައިދިނީ މެގަ ސްޓާ އަމީތާބު ބައްޗަން ކަމަށް ބުނެފި އެވެ.
އިޝާން އާއި މަޝްހޫރު ބަތަލް ޝާހިދު ކަޕޫރަކީ ކުރީގެ ބަތަލާ ނީލިމާ އަޒީމްގެެ ދަރިންނެވެ. އިޝާން މިވާހަކަ ހިއްސާ ކުރީ އިއްޔެ ފާހަގަ ކުރި އަމީތާބުގެ 80 ވަނަ އުފަންދުވަހާއި ގުޅިގެންނެވެ.
އިޝާން ބުނީ އޭނާ ކުޑައިރު ރަނގަޅު ސްކޫލަކުން ޖާގަ ލިބުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަމީތާބު އެކަން ކޮށްދިނީ އޭނާގެ މަންމަ އާއި އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުން ދިޔަ ދުވަސް ވަރެއްގައި އެވެ.
އިޝާން ބުނީ އެ ސްކޫލުން ޖާގަ ހޯދައި ދިނުމަށް އަމީތާބު މަސައްކަތް ކުރުމުގެ އިތުރުން އޭނާއަށް ޖާގަ ދިންކަން ކަށަވަރު ކުރުމަށް އަމިއްލައަށް ސްކޫލަށް ގޮސް ޕްރިންސިޕަލާއިވެސް ބައްދަލު ކުރި ކަމަށެވެ. އިޝާންއަށް އެކަން އެނގުނީ އޭނާގެ ތައުލީމީ ހަޔާތް ނިންމާލި ފަހުން ކަމަށް ބުނެފައި އެވެ.
އިޝާން ބުނީ އަމީތާބު އެ މަސައްކަތް ކޮށްދިނީ އިޝާންވީމަ ނޫން ކަމަށާއި އެއީ ކުޑަކުދިންނަށް ރަނގަޅު ތައުލީމު ލިބޭނެ މަގު ފަހި ކޮށްދިނުމުގެ ގޮތުން އަމީތާބު ކޮށްދިން މަސައްކަތެއް ކަމަށާއި އޭނާގެ މުޅި އުމުރުގައި އެކަމަށް އަމީތާބަށް ޝުކުރުވެރިވާނެ ކަމަށެވެ.
އަމީތާބުގެ އުފަންދުވަހާއި ދިމާކޮށް ބޮލީވުޑާއި އިންޑިއާގެ މަޝްހޫރު ގިނަ ފަރާތްތަކުން ދަނީ ތަހުނިޔާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް