ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅުގެ 5 ރަށަށް މިއަދު ފައްޓަވަން އޮތް ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
ޕީޕީއެމް އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މި ދަތުރުފުޅު ކެންސަލް ކުރީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
https://twitter.com/ProgressPartyMV/status/1580091332055666689
އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅާފައިވާއިރު، މި ދަތުރަކީ އޭގެ ފަހުން އަތޮޅުތެރެއަށް ރައީސް ޔާމީން ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. އެމަނިކުފާނު މީގެކުރިން ވަނީ ދ. ކުޑަހުވަދޫ އަށް ވަޑައިގެންފަ އެވެ.
ޕީޕީއެމް އިން ކުރިންބުނެފައިވަނީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ޕާޓީން ބުނެފައިވަނީ މި ދަތުރުފުޅަކީ ޕާޓީއަށް މެމްބަރުން އިތުރުކޮށް އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕީޕީއެމްގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް