ފްލެޓްތައް ނުނިންމާ ހަވާލުކުރީ ރައީސް ޔާމީން ބަދުނާމުކުރަން: ކުރީގެ ހައުސިންގ މިނިސްޓަރ

ފްލެޓްތައް ނުނިންމާ ހަވާލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ކޮށްފައިހުރީ ގޯސް ކޮށްކަން ރައްޔިތުންނަށް ދައްކައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމު އެޅުވުމަށް ކަމަށް ރައީސް ޔާމީން ސަރުކާރުގެ ...

12 Oct 2021 | 13:55

ފްލެޓްތައް ނުނިންމާ ހަވާލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ކޮށްފައިހުރީ ގޯސް ކޮށްކަން ރައްޔިތުންނަށް ދައްކައިގެން އެމަނިކުފާނުގެ ބޮލުގައި ބަދުނާމު އެޅުވުމަށް ކަމަށް ރައީސް ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ފްލެޓްތައް ދޭން އޮތް އަގުވެސް އޮތީ ތިންހާސް ރުފިޔާ ބޮޑުކޮށް ކަމަށާއި މާލޭ ސިޓީކައުންސިލުން ރަސްމީގޮތުން ވެސް މިކަން ބަދަލު ކުރެވޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އިލްމީ ގޮތުން ރިޕޯޓްތައް ހަދާފައި ފޮނުވިއްޖެ ކަމަށާއި ބައްދަލުވުންތައް ވެސް ބާއްވައިފި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި އެވާހަކަ ދައްކައިފިން. އެހެންނަމަވެސް އެއްވެސް ގޮތަކަށް އެބޭފުޅުންގެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ އެހެން އެކަން އެބޭފުޅުން ކުރައްވަންޖެހޭ ރަނގަޅު ސަބަބައް އޮންނާނެ ކަމަކަށް." މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައި އޮތީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވިނަމަ، ރާއްޖޭގެ އަތޮޅުތަކުގައި ހިންގެވުމަށް ނިންމަވާފައިވާ ބޮޑެތި މަޝްރޫއުތައް ފެއްޓެވުމަށްފަހު ނޫނީ މާލެ ތިލަމާލެ ބްރިޖްފަދަ ބޮޑެތި މަޝްރޫއުތައް މާލެ ސަރަހައްދުގައި ކުރިއަށް ނުގެންދެވުމަށް ކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއު 3 އަހަރު ވީއިރުވެސް މި ސަރުކާރަށް ނުފެށުނު ކަމަށާއި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ ހަމަ ޔަގީނުން ވެސް މިހާހަމައަށް އައިއިރު މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖް އޮންނާނީ ނިމިފައި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާގޮތަށް މި ސަރުކާރުން ހަދަމުންދާ އެގްރީމެންޓްތަކާއި ކަންކަންމަށް އަލިއަޅުވާލައްވާ މުއިއްޒު ވިދާޅުވީ "އަޅުގަނޑުމެންގެ އަތުން ބީވާ ތަރައްގީއަކީ ހޯދިދާނެ އެއްޗެއް" ކަމަށެވެ. އަދި މަޑުޖެހިއްޖެ ނަމަ ބާރުވެސް ކުރެވޭނެ ކަމަށާއި ނަމަވެސް މިނިވަންކަން ގެއްލިޖެނަމަ އެ އަނބުރާ ހޯދުމަކީ އެހާފަސޭހަ ކަމަކަށް ނުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް