ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ޝާހިދު ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދަވާތީ 14 ދުވަހަށް ވަޒީފާގެ މަސައްކަތައް ނުކުތުން މަނާކުރުމަށް ފެންނަކަމަށް 2021 އޮކްޓޯބަރ 10 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 77 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު އާއި ހަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި ކުރެވިފައިވާ ތުހުމަތު ތަކަށް އެފަރާތުން އަމިއްލަ އަށް އިއުތިރާފު ވެފައިވާތީއެވެ. އަދި ޙަވާލު ކުރެވޭ ކްރިމިނަލް މައްސަލަތައް ބަލަމުން ނުދާކަމުގައި ތަހުޤީޤަށް ހޯދުނު އެހެނިހެން ހޯދުންތަކުން ސާބިތު ވެފައިވާތީއެވެ.
ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން އިބްރާހިމް ޝާހިދުގެ މި އަމަލަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 34 ވަަނަ މާއްދާގެ (ށ) އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1، 6.2 އަދި 6.4 އާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމުގައި ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 32-1 (ހ) ގެ 3 ގެ ދަށުން ، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އިބްރާހިމް ޝާހިދު ވަޒީފާގެ މަސައްކަތައް ނިކުތުން 14 ދުވަހަށް މަނާކުރުމަށް ޖޭއެސްސީން ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް