"ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ"ން ކާތިކް ވަކިވާ ސަބަބު އެންމެ ފަހުން ފަޅާ އަރައިފި

މިހާރު ދައްކާ އިންޑިއާގެ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ”ގެ ލީޑް ރޯލް ކުޅޭ މުހުސިން ހާން (ކާތިކް) އާއި ޝިވާންގީ ޖޯޝީ (ނައިރާ) އެ ޝޯ އާއި ވަކިވާ ވާހަކަ ދ...

12 Oct 2021 | 12:16

މިހާރު ދައްކާ އިންޑިއާގެ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ”ގެ ލީޑް ރޯލް ކުޅޭ މުހުސިން ހާން (ކާތިކް) އާއި ޝިވާންގީ ޖޯޝީ (ނައިރާ) އެ ޝޯ އާއި ވަކިވާ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެންމެ ފުރަތަމަ އަޑުފެތުރިނީ ދެމީހުން އެކުގައި "ބިގް ބޮސް 15" އަށް ދާން ޝޯއިން ވަކިވާ ވާހަކަ އެވެ. އެކަމަކު އެއީ ދޮގެއްކަން މިހާރު ޔަގީންވެފައިވާއިރު ފަހުން ވަނީ މުހުސިން އެ ޝޯއިން ވަކިވަނީ އެހެން ސަބަބަކާއި ހެދި ކަމަށް ބުނެފަ އެވެ.

އެ ސަބަބެއް މުހުސިންވެސް އަދި އެ ސިލްސިލާގެ ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މިހާރު ވަނީ އެ ސިލްސިލާއަށް އާ ފިރިހެން ތަރިއަކު ތައާރަފުވާން އުޅޭކަން އިޝްތިހާރުން ދައްކަން ފަށާފަ އެވެ.

ޝޯއަށް ބޮޑު ބަދަލެއް އަންނާނެކަންވެސް އިއުލާނުކޮށްފައިވާއިރު ހަމައެކަނި ނޭނގެނީ މުހުސިންއަށް ވެގެން އުޅޭ ގޮތެކެވެ. ޝިވާންގީ އާއި ގުޅޭގޮތުން މާގިނަ ވާހަކައެއް މީހުން ނުދައްކަ އެވެ.

ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކު މިފަހުން ވަނީ މުހުސިންއާއި އެ ސިލްސިލާގެ ޓީމާއި މައްސަލަ ޖެހިގެން އުޅޭކަން ކަށަވަރު ކޮށްދީފަ އެވެ. އޭނާ ބުނީ އެ ޝޯއިން ވަކިވަނީ މުހުސިން އެކަނި ކަމަށެވެ. އަދި އެ ނިންމުން ނިންމީ މުހުސިން އަމިއްލައަށް ކަމަށާއި އެކަމަށް ޓީމުން އިހުތިރާމު ކޮށްފައިވާ ކަމަށެވެ.

އެ ސިލްސިލާގައި މިހާރު ޝިވާންގީގެ ޑަބަލް ރޯލު ފެނިގެންދާއިރު މުހުސިންގެ ހިތްހަމަ ނުޖެހުމަކީ ކާތިކްގެ ރޯލަށް ނައިރާ އަދި ސީރަތް އާއި އެއްވަރަށް އިސްކަން ނުދިނުމެވެ. ޝޯއިން ވަކިވާން ނިންމުމުގެ ކުރިން މުހުސިން ޕްރޮޑިއުސަރާއި ވާހަކަ ދައްކައި ޝޯގެ ވާހަކައަށް ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރި ކަމަށް އެމީހާ ބުނެފައިވެ އެވެ.

އެކަމަކު ޓީމުން މިހާރު ޝޯ ގެންދާގޮތް ބަދަލު ކުރަން އޭރު ބޭނުން ނުވުމުން މުހުސިންވެސް ގޮތް ދޫ ނުކުރަން ނިންމީ ކަމަށްވެ އެވެ. އެމީހާ ބުނީ މުހުސިން އާއި ޕްރޮޑަކްޝަން ޓީމާއި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި މުހުސިން އުންމީދު ކުރީ އެ ގުޅުމުގެ ސަބަބުން އޭނާ ބޭނުންވާ ބަދަލު ޝޯއަށް ގެނެސްދޭނެ ކަމަށް ކަމަށެވެ.

އެކަމަކު އުންމީދު ކުރިގޮތާއި ހިލާފުވުމުން އޭނާ "ޔޭ ރިޝްތާ" ދޫކޮށްލަން ނިންމީ ކަމަށް ބުންޏެވެ.

އެމީހާ ބުނިގޮތުގައި ކާތިކްގެ ރޯލާއި އެކު ނައިރާގެ ރޯލުވެސް އެ ސިލްސިލާއިން ގެއްލޭނެ އެވެ. ދެން އެ ސިލްސިލާގެ އަމާޒަކަށް ވާނީ ސީރަތް އާއި ގުުޅުން ހުރި ކަމަށް ކަމަށް ވެ އެވެ.

އެންމެ ފުރަތަމަ “ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ”ގެ ލީޑް ރޯލުން ފެނިގެން ދިޔައީ ނައިރާގެ މަންމަ އާއި ބައްޕަ ކަމަށްވާ ހީނާ ހާން (އަކްޝަރާ) އަދި ކަރަން މެހެރާ (ނެއިތިކް) އެވެ. ލީޑް ރޯލު ނައިރާ އާއި ކާތިކަށް ދޭން ޖެހުނީ އަކްޝަރާ އާއި ނެއިތިކް އެ ސިލްސިލާ ކުޅެ ކުޅެ ފޫހިވެގެން ދޫކޮށްލަން ނިންމުމުންނެވެ.

މިހާތަނަށް އެ ސިލްސިލާގެ 3،000 އަށްވުރެ ގިނަ އެޕިސޯޑު ދައްކާފައިވެ އެވެ. އެއީ 58 ސީޒަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް