އަހުސަން މަރާލިކަން ސާބިތުވެ، ޝަހުމް މަރަން ހުކުމްކޮށްފި

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އޭނާގެ އިތުރުން އެކަމުގައި ...

12 Oct 2021 | 11:12

މީގެ 10 އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޭނާގެ އިތުރުން އެކަމުގައި އެހީތެރިވި ޝިމާޒު 15 އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވާ ކަމަށް 2014 ވަނަ އަހަރު ހުކުމް ކޮށްފައިވެ އެވެ.

އެހެންނަމަވެސް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އަދި އަދަބާ ބެހޭގޮތުން ދެ ފަރާތުން ވަނީ ވާހަކަ ދައްކައި ނިންމާފަ އެވެ.

އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް (ޑައިންގ ޑިކްލަރޭޝަން) އަށް ބިނާކޮށްގެން ނެވެ.

އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ. އަދި އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ގަސްދުގައި މީހަކު މެރުމުގެ ދައުވާ ޝަހުމްގެ މައްޗަށް ސާބިތުވިއިރު، ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާ އެވެ. ޝަހުމް މިހާރު ވެސް ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ނެވެ.

އަދަބު ކަނޑައެޅުމަށްޓަކައި ހައި ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އަހުސަން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަހުމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އިސްލާމީ ޝަރީއަތުގެ ދަށުން ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ހުކުމްކުރާ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އެއްވެސް ހައްގަކާ ނުލައި މީހުން މަރާ މީހުން އެފަދަ އަމަލުތައް ހިންގުމަށްފަހު ދިރިހުރުމުގެ ހައްގު ދެވިގެން ނުވާނެ ކަމަށެވެ. އަދި މީހުން މަރާ މީހުންނަށް އެއްވެސް އިސްތިސްނާއެއް ނެތި ދިރިހުރުމުގެ ހައްގު ލިބިދިނުމަކީ މުޖްތަމައުގައި އެފަދަ ކުށްތައް އާންމު ވެގެންދާނެ ސަބަބެއް ކަމަށް ވެސް ތިން ފަނޑިޔާރުން އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ޝަހުމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިއިރު، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެ ހުކުމް ޝަހުމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް