ޖާބިރުގެ ވިދާޅުވަނީ އިރާދަކުރެއްވިއްޔާ މާދަމާ ރޭ 2 ލަނޑުން އިންޑިއާ ބަލިކުރާނެ ކަމަށް!

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެޕްމިއަންޝިޕް މުބާރާތުގައި، މާދަމާ ރޭ ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗްގައި މޮޅުވާނީ ދިވެހިރާއްޖެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ ...

12 Oct 2021 | 10:35

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެޕްމިއަންޝިޕް މުބާރާތުގައި، މާދަމާ ރޭ ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗްގައި މޮޅުވާނީ ދިވެހިރާއްޖެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ، މަގުމަތީގައި ތިބި އާންމުންގެ ބަޔަކާ ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މާދަމާރޭ އިރާދަކުރެއްވިއްޔާ ދިވެހިން ތަށި ނަގާނެ ކަމަށައި މޮޅުވާނީ 2 ލަނޑުން ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުންނެވެ. އެއާއެކު ހޯމަ ދުވަހުގެރޭ ދިވެހި ސަޕޯޓަރުން ކިޔޫ ހަދަން ފެށިއިރު، ހޯމަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުން ޓިކެޓު ގަތުމަށް ކިޔޫ ހެދޭނީ ހެނދުނު 9:30 ގެ ފަހުންނެވެ. އެކަމަކު ހޯމަ ދުވަހުގެރޭ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވެފައި ވަނީ "ޓިކެޓު ގަތުމަށް މިހާރު ކިޔޫ ހަދާފަައި ތިބި ފަރާތްތަކުގެ ޝަކުވާ އަޑުއަހާލެވުނު" ކަމަށެވެ. އަދި ވުޒާރާ އާއި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތަށް އިންތިޒާމު ކުރެވެމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މި މެޗަށް ސަޕޯޓަރުންނަށް ވިއްކާނީ 3،000 ޓިކެޓު ކަމަށް ބުނެފައެވެ. އެފްއޭއެމުން މި ފަހަރު ކަނޑައަޅާފައިވާ ގޮތުން މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓެވެ. އަދި އެ މެޗަށް އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާއިރު، އެ ޓިކެޓުތައް ގަންނަން ޖެހޭނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ޓިކެޓު ކައުންޓަރުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ބާކީ ތިން މެޗު އޮތްއިރު، މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް