ޕްލާސްޓިކްސް ޕޮލިއުޝަން ޗެލެންޖްގެ ފައިނަލަށް ދިޔަ ޓީމްތަކާ ޔޫއެންޑަބްލިއުޓީއޯ ގެ ސެކްރެޓަރީ ޖެނެރަލް ހިޒްއެކްސެލެންސީ ޒުރާބް ޕޮލޮލިކަޝަވީލީ ބައްދަލުކުރައްވައިފި އެވެ.
ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ފަރާތުން ބޭއްވި މި ޗެލެންޖުގެ ފައިނަލަށް ދިޔަ ޓީމުތަކާއި ބައްދަލުކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ އެވެ.
މި ޗެލެންޖުގެ ފައިނަަލަށް ދިޔަ 3 ސްކޫލުކަމަށްވާ ތާޖުއްދީން ސްކޫލާއި އައްޑޫ ސިޓީގެ މަރަދޫ ސްކޫލް އަދި ބާ އަތޮޅު ސްކޫލްގެ ޓީމުތަކުން ބައިވެރިވި އިރު، މަރަދޫ ސްކޫލާއި ބ އަތޮޅު ސްކޫލްގެ ޓީމު ބައިވެރިވީ ޒޫމް މެދުވެރިކޮށް ވަރޗުއަލް ކޮށެވެ.
މި ބައްދަލުވުމުގައި ސެކްރެޓަރީ-ޖެނެރަލް ވިދާޅުވީ ދުނިޔޭގެ 45 ގައުމެއްގެ 100 އަށް ވުރެ ގިނަ ދަރިވަރުންނާއެކު 155 ޓީމު ބައިވެރިވެގެން ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލަށް ދިވެހިރާއްޖޭގެ 3 ޓީމު ހޮވުނުކަމީ ވަރަށް އުފާކުރައްވާކަމެއް ކަމަށެވެ. އަދި ދަރިވަރުންނަށް މަރުހަބާކިޔާ ވިދާޅުވެ، ވަނީ ހިތްވަރު ދެއްވާފަ އެވެ.
"މިއީ ދިވެހިރާއްޖެ ފަޚުރުވެރިވުން ޙައްޤުކަމެއް. މިފަދަ ކާމިޔާބީއެއްގެ ފަހަތުގައި ދަރިވަރުންގެ ޓީޗަރުންނާއި ބެލެނިވެރިންގެ މުހިއްމު ދައުރެއް އޮންނާނެ. އެފަރާތްތަކަށް ޝުކުރު އަދާކުރަން." އެސްޖީ ވިދާޅުވި އެވެ.
އޭނާ ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމްއާ ތިމާވެށި ވަނީ ގުޅިލާމެހިފައިކަމުން، ރާއްޖޭގެ ޓޫރިޒަމްއަކީ މިހާރެކޭ ވެސް އެއްގޮތަށް ދެމެހެއްޓެނިވިގޮތަށް ކުރިއަރުވާ ހިންގުމަށް ހުރިހާ ފަރާތަކުން ވެސް ދަރިވަރުން ހިމެނޭހެން ބާރުއެޅުއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމު ވެސް ސްކޫލްތަކުން ހޯދި ކާމިޔާބީއަށް ޓީމުތަކަށް މަރުޙަބާ ދެންނެވި އެވެ. އަދި UNWTO ޕްލާސްޓިކްސް ޕޮލިއުޝަން ޗެލެންޖް މުބާރާތުގެ ސަބަބުން މި ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ޖޯޝު އާލާވެއްޖެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް
އެޑިއުކޭޝަންއާ ގުޅިގެން ރީޔޫސްޑް/ރީސައިކަލްޑް އައިޓަމްސް ބޭނުންކޮށްގެން ތަކެތި އުފައްދާ ޚާއްސަ މަޢުރަޒެއް ބޭއްވުމަށް ގަސްދުކުރައްވާކަން ހާމަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ތާޖުއްދީން ސްކޫލްގެ ޓީމުގެ ފަރާތުން ޕްލާސްޓިކް ފުޅީގެ މަތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް ސެކްރެޓަރީ ޖެނެރަލްއަށް ހަދިޔާކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް