2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ކުރިން ނިންމާފައިވާ އަގުގައި ފްލެޓްތައް ދެއްވާނެ ކަމުގެ ޔަގީންކަން މާލޭސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރުން ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިއޮތް އަގުގައި ފްލެޓްތައް ދެވޭނެ ކަމަށެވެ. އަދި ނުހައްގުން ފްލެޓް އަތުލި އެތައްހާސް ރައްޔިތުންގެ އަތުން ފްލެޓް އަތުލާފައިވާ ފަރާތްތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ފްލެޓްތައް ހަމަޖައްސަވާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭންގައިވާގޮތަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން އެތަނުގައި ސްކޫލެއް މިސްކިތެއް އިމާރާތްކުރެވިފައި ނުވާކަމަށާއި ރައްޔިތުން އެތަނަށްގޮސް ދިރިއުޅުމަށްޓަކައި ބޭނުންވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިއީކުއްލިއަކަށް އައި ފްލެޓްތަކެއް ނޫން. ކުރިއާލާ އެތަނަށް ބަޔަކު ބަދަލުވާނެކަން ސަރުކާރަށް އެނގޭ. މިކަން މިގޮތަށް ކުރުމުގެ ސަބަބުން ނިކަމެތިކަން ލިބިފައިވަނީ ރައްޔިތުންނަށް."ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަދި ކިރިޔާ އެދަނީ އެ ސްކޫލްތައް އަޅާނެ ފަރާތްތައް ހޯދަމުން. އަދި ކިރިޔާ ބައެއް ސްކޫލްތައް ހަވާލު ކުރެވުނީ. ދެން ކޮންދުވަހަކުންތޯ ނިމޭނީ މިއަންނަ އަހަރު އެންމެ އަވަހަށްވެސް ފުރަތަމަ ސްކޫލް ނިމޭނެ ކަމަށް އެބުނަނީ. ހުރިހާ ރައްޔިތުން ޖެހޭނީ މާލެއަށް އަންނަން. މިކަލަހަ ނިކަމެތި ހާލަތެއް ރައްޔިތުންނަށް މިޖެއްސީ. އަދި ކިރިޔާ ބަސް ސަރވިސް އެހަމަޖެއްސީ." މުއިއްޒު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް