"ލޯ ރިސްކު" 10 ގައުމަކުން ތައިލެންޑަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދަނީ

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އިގްތިސޯދަށް ފޫނުބެއްދޭވަރުގެ ގެއްލުން ވާތީ އަނެއްކާވެސް ތައިލެންޑުގެ ކޯވިޑް ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި އެވެ. މިފަހަރު ލުއިދެނީ ކޯވިޑްގެ ހާ...

12 Oct 2021 | 09:04

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އިގްތިސޯދަށް ފޫނުބެއްދޭވަރުގެ ގެއްލުން ވާތީ އަނެއްކާވެސް ތައިލެންޑުގެ ކޯވިޑް ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި އެވެ.

މިފަހަރު ލުއިދެނީ ކޯވިޑްގެ ހާލަތު އެންމެ ރަނގަޅު ކަމަށް ތައިލެންޑުން ގަބޫލު ކުރާ 10 ގައުމަކަށެވެ. އެ ގައުމުތަކުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްގެން ތައިލެންޑަށްދާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.

އޭގެ ތެރޭގައި އެންމެ ހަލުވިކަމާއި އެކު މިހާރު ކޯވިޑް ފެތުރެމުންދާ އެމެރިކާ ހިމެނެ އެވެ. ދެން އެ ލިސްޓުގައި ހިމެނޭ ބައެއް ގައުމުތަކުގެ ތެރޭގައި ޗައިނާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތާއި ސިންގަޕޫރު ހިމެނެ އެވެ.

އެ ގައުމުތަކުންދާ ރައްޔިތުން ތައިލެންޑަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އަދި ތައިލެންޑަށް ދިއުމުން އެތެރެވުމުގެ ހުއްދަ ދެނީ އެއާޕޯޓުން އިތުރު ޕީސީއާރު ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.

މި ގައުމުތަކުން ތައިލެންޑަށްދާ މީހުންގެ ކަރަންޓީން އުވާލާނީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ ތާރީހު ޖެހެންވާއިރަށް ތައިލެންޑުން ކަނޑައަޅާ އެ ލިސްޓުގައި އިތުރު ގައުމުތައް ހިމެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ތައިލެންޑު ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ތައިލެންޑުން ވަނީ ތިއޭޓަރުތަކާއި ސިނަމާތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ޑިސެމްބަރު އެކަކުން ފެށިގެން އަލުން ހުޅުވައި ހިންގުމުގެ ހުއްދަ ދޭން ނިންމާފަ އެވެ.

ތައިލެންޑުން ކޯވިޑް ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި މިވަނީ ޓޫރިޒަމް ދަށްވެ ރައްޔިތުންގެ އާމްދަނީއަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށެވެ. ތަފާސް ހިސާބު ދައްކާގޮތުން އާންމުކޮށް އަހަރަކު ތައިލެންޑަށް 40 މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.

ކޯވިޑް ފިޔަވަޅުތަކަށް އިތުރު ލުއި ދެނީ ވެކްސިން ޖަހާފައިވާ އާބާދީގެ ނިސްބަތް އިތުރުވުމުންނެވެ. މިހާތަނަށް ތައިލެންޑުގެ 33 ޕަސެންޓު މީހުން ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ. އަދި ފުރަތަމަ ޑޯޒު 23.1 މިލިއަން މީހުން ޖަހާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް