އެމްޕީއެލް އިން އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން ބޭނުންކުރަން ނިންމައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން" (އީ.އާރް.ޕީ) ބޭނުންކުރުމަށް ނިންމައިފި އެވެ. މިގޮތަށް ނިންމީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުނ...

12 Oct 2021 | 08:27

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "އޮރަކަލް ފިއުޝަން ކްލައުޑް އެންޓަޕްރައިސް ރިސޯސް ޕްލޭނިން" (އީ.އާރް.ޕީ) ބޭނުންކުރުމަށް ނިންމައިފި އެވެ.

މިގޮތަށް ނިންމީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީކުރުމުގެ ގޮތުން ނެވެ.

އޮރަކަލްގެ އީއާރްޕީ ބޭނުންކުރުމަށް ފެށުމާއެކު، އެކުންފުނިން ދެމުންދާ ގިނަ ޚިދުމަތްތަކެއް އޮޓޮމޭޓްކުރެވި، ވަގުތު ސަލާމަތްވެ، ޚަރަދުގެ ގޮތުން ވެސް ކުންފުންޏަށް ލުއިތަކެއް ލިބިގެންދާނެ އެވެ.

އެމްޕީއެލް ގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ އޮރަކަލްގެ ފެންވަރު ރަނގަޅު އީއާރްޕީ ސޮފްޓްވެއަރ ބޭނުންކުރުމަށް ފެށުމާއެކު، އެ ކުންފުނިން މިހާރު މެނުއަލްކޮށް ދެމުންދާ ގިނަ ޚިދުމަތްތަކެއް މުޅިން އޮޓޮމޭޓްވެ، ކުންފުނިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ، "އޮރަކަލް" އަކީ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އޮރަކަލްގެ އީއާރްޕީ ސިސްޓަމްއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ވަރަށް ގިނަ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމެކެވެ.

އެމް.ޕީ.އެލްގެ އައި.ޓީ ޑިޕާޓްމަންޓްގެ ހެޑް، އާދަމް ޝިފާން ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެމް.ޕީ.އެލްގެ ޒަމާނީ ވިޔަފާރީގެ މާހައުލަކަށް، އެމް.ޕީ.އެލް އިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ބައްޓަންވެގެންދާނެ ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ އީއާރްޕީ ސިސްޓަމްއަކީ ވަރަށް މެނުއަލްކޮށް ބޭނުންކުރަމުންދިޔަ ސިސްޓަމެއް. އަދި އެ ސިސްޓަމް މެއިންޓެއިންކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އަދި، އިތުރު ބަދަލެއް ގެންނަންޖެހުނަސް އެއީ އުނދަގޫކަމެއް،" ޝިފާން ވިދާޅުވި އެވެ. "އެކަމަކު އޮރަކަލް ސިސްޓަމްގައި، ކޮންމެ 90 ދުވަހަކުން އާ ފީޗާސްތައް އެބަލިބޭ. އެހެންކަމުން، މި ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީކުރެވޭނެ މި ސިސްޓަމާއެކު،" ޝިފާން ވިދާޅުވި އެވެ.

އޮރަކަލްގެ ހެޑް އޮފް އެޕްލިކޭޝަންސް ސޭޖް (SAGE)، އަޙުމަދު ސަރްވާރް ވިދާޅުވީ އޮރަކަލްގެ އީއާރްޕީއާއެކު، އެމް.ޕީ.އެލްގެ އޮޕަރޭޝަންސްތައް ހަރުދަނާކުރެވޭނެ ކަމަށެވެ.

"އެމް.ޕީ.އެލް ޚިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ މި ކުންފުންޏަށް ވެސް ލިބޭ އުފަލެއް،" ސަރްވާރް ބުންޏެވެ.

ޕޯޓްތަކާއެކު މަސައްކަތްކުރުމުގެ ތަޖުރިހާ ލިބިފައިވާ އޮރަކަލްއާއެކު، އޮރެކަލް ފިއުޝަން ކްލައުޑް އީއާރްޕީ ސިސްޓަމް ލައިވް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ކުރީކޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް