މީކާއިލް ވިދާޅުވީ ހުރިހާ ބާރަކާއެކު ވެސް އެމްޑީޕީ ފެއިލްވަމުންދާ ކަމަށް

ހުރިހާ ބާރަކާއެކު ވެސް އެމްޑީޕީ ގެ ސަރުކާރު ފެއިލްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޝަރީއަތް ނިމެ...

12 Oct 2021 | 06:38

ހުރިހާ ބާރަކާއެކު ވެސް އެމްޑީޕީ ގެ ސަރުކާރު ފެއިލްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެމުންދާތީ ހުށަހެޅުނު މައްސަލައިގެ ބަހުސް ގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެެވެ.

"އަނިޔާވެރިކަމާއި އަނިޔާވެރިވުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ އެމްޑީޕީން. އެމްޑީޕީން މިއަދު ވެރިކަމުގެ ހުރިހާ ބާރެއް އޮވެ މިފަދަ ކަންކަމަށް ހައްލު ނުގެނެވޭކަމީ އެމްޑީޕީގެވެސް ފެއިލިއަރއެއް." މީކާއިލް ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގާ ބުނެފައިވަނީ ވާނުވާއަށް ހައްލެއް ނުލިބި އޮތްއިރު ދެންއޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ވާނުވާގައިތިބި ފަރާތްތައް ހިމެނޭގޮތަށް ބަންދުކުރެވިފައިވާ އެތައް ސަތޭކަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން މިމަހުގެ 6 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެން ނެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވާ ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ. އަދި މިކަމަށް އެކަނި ބަލައިލުމުން ވެސް އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމާއި، އެމީހުންގެ ހައްގުތައް ހޯދައި ނުދެވޭކަން ވަނީ ފާހަގަކޮށްފަ އެވެ.

މިމައްސަލައިގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިއީ ވަރަށް ސީރިއަސް އަދި ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ. ބައެއް މެމްބަރުންވަނީ ޖަލުގައި ވާނުވާ ގައި ބަންދުކޮށްފައިވާ މީހުން މިހާރުން މިހާރަށް ދޫކޮށްލައި އެމީހުންގެ ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށްވެސް ގޮވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް