މަޝްރޫޢުތަކުގައި ބޭނުންކުރާނެ އިތުރު އެއްގަމު އުޅަނދު އެމްޓީސީސީން ހޯދައިފި

މަޝްރޫޢުތަކުގައި ބޭނުންކުރާނެ އިތުރު އެއްގަމު އުޅަނދު މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހޯދައިފި އެވެ. އެމްޓީސީސީން ބުނީ މި ގޮތުން 30 ޓަނުގެ ކޮބެލްކޯ ހައިމާގާއި، 25...

12 Oct 2021 | 06:29

މަޝްރޫޢުތަކުގައި ބޭނުންކުރާނެ އިތުރު އެއްގަމު އުޅަނދު މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހޯދައިފި އެވެ.

އެމްޓީސީސީން ބުނީ މި ގޮތުން 30 ޓަނުގެ ކޮބެލްކޯ ހައިމާގާއި، 25 ޓަނުގެެ 10 ލޮރީގެ އިތުރުން 6 ލޯޑަރު ކުންފުނީގެ ފްލީޓަށް އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން، މަޝްރޫޢުތައް ކުރިއަށް ގެންދަން ފަސޭހަވެގެންދާނެ ކަމަށާޢި މަސައްކަތްތަކުގެ ދުވެލި ބާރު ވެސް ވާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

https://twitter.com/MTCCPlc/status/1447771023114309635

އެމްޓީސީސީއަކީ ގިނަ އަދަދެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް މިހާރު ވެސް ހިންގަމުންދާ ކުންފުންޏެއް ކަމަށް ވާއިރު. މި އުޅަނދުތަކުގެ ބޭނުން މި މަޝްރޫޢުތަކުގައި ޖެހޭނެއެވެ.

އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރު އެވެ.

އެމްޓީސީސީ އުފެއްދުމުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އާއްމު ރައްޔިތުންނަށް ތަނަވަސްކަން އިތުރުކޮށްދިނުމުގެ ގޮތުން، ކަނޑާއި ވަޔާއި، އެއްގަމުގައި ދަތުރުފަތުރު ކުރުމާ ބެހޭ ކަންތައް ހިންގައި ކުރިއެރުވުމާއި، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމާއި އެކަންކަން ކުރިއެރުވުމާއި، އިމާރާތްކުރުމާއި، އިންޖިނިއަރިން މަސައްކަތާއި، ބަނދަރުގެ ހިދުމަތްތަކާއި، މުދަލާއި ތަކެތި ގެނެސްގެންދިޔުމުގެ ހިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. އަދި ޓޫރިޒަމާއި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ.

ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއުތަކުގެ އިތުރުން، މަގު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިން، ނަރުދަމާ އެޅުމާއި ސާވޭ ކުރުމުގެ މަސައްކަތްތައް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް