ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ މާލެ ވަޑައިގެންނެވި އިރު، ސެކިއުރިޓީ ފެނިފައި ނޯތު ކޮރެއާ ސިފަވީތީ ދެރަވާ ކަމަށާޢި ސެކިއުރިޓީ ކަންކަން ހަމަޖައްސަނީ އެމަނިކުފާނު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ޝިޔާމް ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީ ބައެއް މީހުންނަށް ސިފަވީ ނޯތު ކޮރެއާގެ ރައީސްގެ ސެކިއުރިޓީ ފަދައިން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ އިންތިޒާމްތައް ހަމަޖައްސަނީ ދިވެހި އަސްކަރިއްޔާއިން ކަމަށެވެ.
"ސެކިއުރިޓީ ހަމަޖައްސަނީ އަޅުގަނޑެއް ނޫން، އަދި މަޖިލީހަކުން ވެސް ނޫން" ނަޝީދު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިފިއެވެ.
މިއީ ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ފުރަތަމަ ޖަލްސާއެވެ. އެމަނިކުފާނު ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ، އެކަށޭނެ ގޮތަކަށް ކުރިއަށް ގެންދެވި ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންވައި މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ދުވަހު ފޮނުވި ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާކަމެވެ. އެ ތަހުގީގު ނިމި، އެކަން ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވި، ބަންދުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ރައީސް ވަނީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާސްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނާއިބުރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއްނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އަންގާރަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނަމަވެސް އެމަނިކުފާނުގެ މިދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް