އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރު މައްސަލައިގަ އިތުރުވަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެން ދެ ގައުމުގެ އަސްކަރީ އިސް އޮފިސަރުން ބޭއްވި 13 ވަނަ ބައްދަލުވުންވެސް ކޮޅެއްގައި ނުޖެހި ފެއިލް ވެއްޖެ އެވެ.
މި ބައްދަލުވުން ބޭއްވީ އިއްޔެ އެވެ. ބައްދަލުވުން ނިންމާލުމަށް ފަހު ދެ ގައުމުން ވަނީ އެއް ގައުމު އަނެއްގައުމަށް މަޝްވަރާ ފެއިލްވުމުގައި ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެ ތުހުމަތުތަކެއް އަޅުވާފަ އެވެ.
ބައްދަލުވުމާއި ގުޅޭގޮތުން ޗައިނާއިން ބުނީ އިންޑިއާއިން ދަނީ ގަބޫލު ނުކުރެވޭފަދަ ބޮޑެތި ޑިމާންޑުތަކެއް ކުރަމުން ކަމަށާއި އެޑިމާންޑުތަކާއި އެކު މަޝްވަރާ ކޮޅެއްގައި ނުޖެހޭނެ ކަމަށެވެ. އިންޑިއާ އަސްކަރިއްޔާއިން ބުނީ މައްސަލަ ހައްލު ކުރުމަށް ޗައިނާއިން އެއްވެސް ކަމަކަށް އެއްބަސްނުވާ ކަމަށާއި ކުރިޔަށް ދެވޭނެ އެއްވެސް މަގެއް އެ ގައުމުން ނުދައްކާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ކަންބޮޑުން އިތުރުވަމުން ދަނީ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްގެ ލަޑަކްއިން ދެ ގައުމު ގުޅޭ ބޯޑަރު ކަނޑައެޅުމުގައި ދިމާވެގެން އުޅޭ މައްސަލާގައި އެވެ. އެ ސަރަހައްދުގެ ދެބައި ދެ ގައުމަށް އޮތް ނަމަވެސް ޗައިނާއިން ދަނީ މުޅި ސަރަހައްދަކީ ޗައިނާގެ ބައެއްގެ ގޮތުގައި ވަކާލާތު ކުރަމުންނެވެ.
އެ މައްސަލައިގަ 1962 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ކުރުމަށް ފަހު އޭގެ ފަހުން ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިނގި ނަމަވެސް މައްސަލަ މާބޮޑަށް ގޯސްވެފައެއް ނުވެ އެވެ. އެކަމަކު މިދިޔަ އަހަރު ކުރީކޮޅު އެތަނުގައި ދެގައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ހަނގުރާމައެއްގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން މަރުވުމުން މަޝްރަހު ވަނީ އިތުރަށް ހޫނުވެފަ އެވެ.
މި މަޝްވަރާތަތަކަކީ އެ ހަމަނުޖެހުންތަކާއި ގުޅިގެން ދެ ގައުމުގެ ސިފައިން 24 ގަޑިއިރު ބޯޑަރު ސަރަހައްދުގައި ފޯރި މަރަމުންދާތާ 17 މަސްވެފައިވާތީ އެކަން ނިމުމަކަށް ގެނެވޭތޯ ބާއްވާ ބައްދަލުވުންތަކެކެވެ. ސަރަހައްދަކީ ފިނި ސަރަހައްދަކަށް ވާތީ އަހަރުގެ ފަހުކޮޅު އެސަރަހައްދުގެ ފިނިހޫނުމިން 30 ޑިގްރީ ސެލްސިއަސް ދަށްވާއިރު އަބަދު ސެކިއުރިޓީއަށް ސިފައިން ބޭއްތިބުމަކީ ދެ ގައުމުގެ ސިފައިންނަށްވެސް ނުރައްކާ ބޮޑު ކަމެކެވެ.
މައްސަލަ އިތުރަށް ހައްލު ނުވާނެ ކަމުގެ އިތުރު ނިޝާންތައް އެ ސަރަހައްދުން ވަނީ މިދިޔަ 17 މަސްތެރޭގައި ފެނިފަ އެވެ. އެއީ ދެ ގައުމުން އެ ގައުމުތަކުގެ އަސްކަރީ އެންމެ ވަރުގަދަ އުޅަނދުތަކާއި އާލާތްތައް ލަޑަކުގެ ބޯޑަރު ގުޅޭ ސަރަހައްދަށް ޖަމާކޮށްފައިވާއިރު ޗައިނާއިން ދަނީ އެމީހުންގެ ސަރަހައްދުގައި ސިފައިން ތިބުމަށް ފިނިން ރައްކާތެރިވެވޭނެ ވަރުގަދަ އަސްކަރީ އިމާރާތްތަކެއް އަޅަމުންނެވެ.
އެ އިމާރާތާއި މެދުވެސް އިންޑިއާގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް