އޮގަސްޓު މަހު މީރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގަނެފި

އޮގަސްޓު 2024 ގައި މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24% މަތީ އަދަދެކެވެ. އަދި،...

12 Sep 2024 | 09:51

އޮގަސްޓު 2024 ގައި މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24% މަތީ އަދަދެކެވެ. އަދި، އޮގަސްޓު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 34.5% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2023 އާއި އަޅައިބަލާއިރު، އޮގަސްޓު 2024 ގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަރުދުން-ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައިވުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހާއި، ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން-ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ. އަދި، އޮގަސްޓު 2023 އާއި އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން އޮގަސްޓު 2024 ގައި ލިބިފައިވާ  ޓެކުހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، އޮގަސްޓު 2023 އާއި އަޅައިބަލާއިރު އޮގަސްޓް 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %15 އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، އޮގަސްޓު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި، ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހުގެ ފައިސާ މީރާއިން ބަލައިގަނެފައިވުމާއި، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ފާއިތުވެފައިވާ ސުންގަޑިތަކަށް ފައިސާ ބަލައިގަނެފައިވުން ހިމެނެއެވެ. އަދި މީގެ އިތުރުން، ޖުލައި 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %9.3 އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޮގަސްޓު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %53.3 ނުވަތަ 1.06 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %23.9 ނުވަތަ  472.66 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި  90.85 މިލިއަން ރުފިޔާ (%4.6)، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ (%4.5)، ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ (%4.4)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 183.29 މިލިއަން ރުފިޔާ (%9.3) ލިބިފައިވެއެވެ.

އޮގަސްޓު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.82 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް