ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިޑިޓް ރޭޓިން އޭޖެންސީ ކަމުގައިވާ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރިނަމަވެސް ފާހަގަކޮށްފައިވާކަންކަން ޕޮޒިޓިވްކޮށް ނަގައި، އަންނަ މަހު ރާއްޖެއިން ދައްކަންޖެހޭ ޕޭމަންޓް ދައްކާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ.
އެގޮތުން އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9% މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށާއި އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5% ގައިކަން ފާހަގަކޮށްފައިވެއެވެ.
"މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުން، އެގޮތުން މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި، މިއީ މިދިޔަ އަހަރުގެ މުމުއްދަތާއި އަޅާބަލާއިރު 10% ގެ ކުރިއެރުމެއް، މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ވަނީ 7% އިން އިތުރުވެފައި" އެމްއެމްއޭޢިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފައިވާކަމަށާއި ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރެވެ.
މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭކަމަށްވެސް ބުނެފައިވެއެވެ.
"ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް މޫޑީސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި، އެ ގޮތުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި، މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ" އެމްއެމްއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި ބަދަލުތައް މިމަހު އިއުލާންކުރެވޭނެކަން ހާމަކޮށް އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީން ދޭކަމަށެވެ. އަދި އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް