ޗައިނާއިން ސައިބަރ ސެކިއުރިޓީ އެންފޯސްމަންޓް ހަރުދަނާ ކުރަނީ

ޗައިނާގެ ސައިބަރ ހެކަރުންގެ އަޑުގަދަވެ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ޗައިނާގެ އަގުވެއްޓެމުންދާ ދަނޑިވަޅެއްގައި އެގައުމުގެ ސައިބަރ ސެކިޔުރިޓީ އެންފޯސްމެންޓް ހަރުދަނާ ކުރުމަށް މަސައްކަތްތަކެ...

12 Sep 2023 | 18:13

ޗައިނާގެ ސައިބަރ ހެކަރުންގެ އަޑުގަދަވެ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ޗައިނާގެ އަގުވެއްޓެމުންދާ ދަނޑިވަޅެއްގައި އެގައުމުގެ ސައިބަރ ސެކިޔުރިޓީ އެންފޯސްމެންޓް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ އެތެރޭގެ ޑޭޓާގެ ވަށައިގެން ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ބޮޑެތި ޓެކް ކުންފުނިތަކުން ފެށިގެން މަގުމަތީގެ ކުދި ވިޔަފާރިތަކާ ހަމައަށް، އެގައުމުގެ އެކި ކަންކޮޅުތަކުގައި އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމުގެ މަސައްކަތް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ފުޅާކުރަމުންނެވެ.

މިހާރު ރެސްޓޯރެންޓްތަކުން ފެށިގެން ފޫޓް މަސާޖް ޕާލާފަދަ ވިޔަފާރިތަކަށް އިންޒާރު ދެމުން ދަނީ އެ ގައުމުގައި ތަރައްގީވަމުން އަންނަ ސައިބާ ސެކިއުރިޓީ ގަވާއިދުތަކަށް އަމަލު ނުކުރާ ނަމަ ލިބޭ އަދަބުތަކާ ބެހޭ ގޮތުންނެވެ.

އިރުމަތީ ޕްރޮވިންސް ކަމަށްވާ ޖިއާންގްސޫގެ ޒެންޖިއާންގް ސިޓީގެ ފުލުހުން މިދިޔަ މަހު ވަނީ ލޯކަލް ވިޔަފާރިތަކުގެ ސެކިއުރިޓީ ސްވިޕްކޮށް، އަސްލު ނަން ރަޖިސްޓްރީ ނުކޮށް ވައިފައި ދޫކޮށްފައިވާ ފަރާތްތަކަށް އިންޒާރު ދީފަ އެވެ.

އެ ގައުމުގެ ސައިބާ ސެކިއުރިޓީ ގާނޫނާ ހަވާލާދީ އެ އިންޒާރުތަކުގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ ގޮތަށް "ޓެކްނިކަލް ސޭފްޓީ ޕްރޮޓެކްޝަން ފިޔަވަޅުތައް ތަންފީޒު ނުކުރާ" ވިޔަފާރިތައް "އިސްލާހު" ކުރުމަށް އަންގާފައިވާ ކަމަށެވެ.

ފުލުހުންގެ އެ ޗެކްތަކުން ރާޅު އަޅަން ފެށުމުން، ޖިއާންގްސޫގެ އެހެން ސިޓީއެއް ކަމަށްވާ ހުއާޔަންގެ ފުލުހުން ވަނީ އެ ގައުމުގެ ޑޭޓާ ސެކިއުރިޓީ ގާނޫނާ ހަވާލާދީ ލޯކަލް ފުޓް މަސާޖް ބުޓިކަކަށް އެފަދަ އިންޒާރުތަކެއް ދޭން ފަށައިފަ އެވެ.

އެ ވިޔަފާރިއަށް އިންޒާރު ދީފައި މިވަނީ ޑޭޓާ ހިމާޔަތް ކުރުމަށް އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތަކެއް އެޅުމެއް ނެތި ސެންސިޓިވް ޑޭޓާގެ ގޮތުގައި ބެލެވޭ ނަމާއި އައިޑެންޓިޓީ ނަމްބަރު ފަދަ ކަސްޓަމަރުންގެ މައުލޫމާތު ރައްކާކޮށްފައިވާ ކަމަށް ފުލުހުން ބުނުމުންނެވެ.

ސެކިއުރިޓީ އިންސްޕެކްޝަންތަކުގެ ސަބަބުން ކުންފުނިތަކުން ޕާސަނަލް ޑޭޓާ ބަލަހައްޓާ ގޮތާ މެދު ޗައިނާއިން ބަލަމުން އަންނަ ތަހުގީގަށް އާ އަލިކަމެއް ލިބިގެން ދިޔަ އިރު، ސައިބާ ސެކިއުރިޓީގެ ކޮންޓްރޯލް ކަމާ ބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ކުރަމުންނެވެ. ގައުމީ ސަލާމަތުގެ މައި ތަނބުގެ ގޮތުގައި ބެލެވޭ ޑޭޓާ ޕްރޮޓެކްޝަން ލީގަލް ފްރޭމްވޯކް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ބެއިޖިން އިން އަންނަނީ ކުރަމުންނެވެ.

ޑޭޓާ ޕްރޮޓެކްޝަންއާ ބެހޭ އާ ގަވައިދުތަކުގެ ތެރޭގައި ޕާސަނަލް ޑޭޓާ ބަލަހައްޓާ ހުރިހާ ކުންފުންޏަކުން ވެސް ގަވާއިދުން ކޮމްޕްލަޔަންސް އޮޑިޓް ހަދަން ޖެހޭ ޝަރުތުތައް ހިމެނެ އެވެ. މި އުސޫލަކީ މިއަހަރު ބެއިޖިންއިން ޖާސޫސްކުރުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، "ގައުމީ ސަލާމަތާއި މަސްލަހަތާ ގުޅުންހުރި ލިޔެކިޔުންތަކާއި ޑޭޓާ، މެޓީރިއަލްސް އަދި ތަކެތި" ގަވާއިދާ ހިލާފަށް ހޯދުމާ ބެހޭ ގޮތުން އިންޒާރުދީފައިވާ ދަނޑިވަޅެކެވެ.

ޗައިނާއިން 2016 ވަނަ އަހަރު ސައިބަރ ސެކިއުރިޓީ ގާނޫނެއް އެކުލަވާލައި، އެ ގައުމުގެ ސިޔާދަތީ ސައިބާ ސްޕޭސް އާއި ގައުމީ ސަލާމަތުގެ ކޮންޓްރޯލް ދަމަހައްޓަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އެ ބިންގަލުގެ މައްޗަށް ބިނާކޮށް ޑޭޓާ ސެކިއުރިޓީ ގާނޫނަށް އަމަލުކުރަން ފެށީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑޭޓާ ޕްރޮސެސް ކުރެވޭނެ ގޮތްތައް ލިމިޓް ކުރުމަށެވެ. އަދި ޑޭޓާ ސެކިއުރިޓީ ހިމާޔަތް ކުރުމަކީ ގައުމީ ސަލާމަތަށް އިސްކަންދޭ ކަމެއްގެ ގޮތުގައި ކަނޑައަޅައި ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތް ކުރަން ޖެހޭ ކަމަށް ވެސް ގާނޫނުގައި ފާހަގަކޮށްފައިވެ އެވެ.

ލޯ ފާމް ލިންކްލެޓާސްގެ ޓެކްނޮލޮޖީ، މީޑިއާ އަދި ޓެލެކޮމިއުނިކޭޝަންގެ ޝަންހާއީގެ ކައުންސެލް އެލެކްސް ރޮބާޓްސް ވިދާޅުވީ ދާދި ފަހުން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަކީ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ނުރަސްމީ ގްރޭސް ޕީރިއަޑެއް ނިމިފައިވާ ކަމުގެ ސާފު ސިގްނަލެއް ކަމަށާއި ވިޔަފާރިތައް  އެ މީހުންގެ ސައިޒަށް ބެލުމެއް ނެތި  އެ ގައުމުގެ ޑޭޓާ ޕްރައިވެސީ އާއި ޑޭޓާ ސެކިއުރިޓީ ގާނޫނާ އެއްގޮތަށް އަމަލު ކުރަން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"އެންފޯސްމަންޓް އެކްޝަންގެ ސަބަބުން ވިޔަފާރިތަކަށް ޑޭޓާ ސެކިއުރިޓީ އާއި ޕްރޮޓެކްޝަން ޒިންމާތައް ހަނދާންކޮށްދޭ އިރު، ކުދި ވިޔަފާރިތަކަށް ޓާގެޓް ކުރާއިރު އޭގެ އިންސާފުވެރިކަމާ މެދު އިންޑަސްޓްރީގެ ބައިވެރިންގެ މެދުގައި ބަހުސެއް ވެސް އުފެދިފައިވާ ކަމަށާއި، ބައެއް ފަހަރު އަގުބޮޑު ކޮމްޕްލަޔަންސް ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް،" ރޮބަޓްސް ވިދާޅުވި އެވެ.

ރޮބަޓްސް ވިދާޅުވީ 2021 ވަނަ އަހަރު އަމަލުކުރަން ފެށި ޗައިނާގެ ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ގާނޫނަކީ މިކަމަށް ހައްލެއް ހޯދުމަށް މުސްތަގުބަލުގައި ގާނޫނެއް ތައާރަފް ކުރެވިދާނެ ކަމުގެ އިޝާރާތެއް ކަމަށާއި، ޕާސަނަލް ޑޭޓާ ބަލަހައްޓާ ކުދި ވިޔަފާރިތަކަށް ހާއްސަ "ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ރޫލްސް އެންޑް ސްޓޭންޑަޑްސް" އެކުލަވާލުމަށް ގޮވާލާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް