ޕާކިސްތާނުގެ ޕިޝާވަރު ސިޓީގެ ހޮސްޕިޓަލް ކޮމްޕްލެކްސް ކައިރީގައި ސަލާމަތީ ބާރުތަކުގެ ވެހިކަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ ޕެރަމިލިޓަރީ ފޯސްގެ ހަތަރު ސިފައިންނާއެކު އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މި ހަމަލާ ދީފައިވަނީ ހަލަބޮލިވެފައިވާ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ވެރިރަށް ވާސަކް ރޯޑުގައި ހުންނަ ޕްރައިމް ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ފްރޮންޓިއަރ ކޮންސްޓެބުލަރީ (އެފްސީ)ގެ ސިފައިންނަށެވެ.
ވާރްސާކްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު އަރުޝަދު ޚާން ވިދާޅުވީ، ފުރަތަމަ ރިޕޯޓްތައް ބުނާ ގޮތުން ބޮމުގެ ހަމަލާގެ ސަބަބުން އެފްސީގެ ފަސް އޮފިޝަލަކާއި އާންމުންގެ ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި ގޮއްވާލާފައިވަނީ އައިއީޑީއަށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި ބޮން ޑިސްޕޯސަލް ޔުނިޓުން ރިޕޯޓު ނެރުމުން ބޮމުގެ ހަމަލާގެ ބާވަތް އިތުރަށް ސާފުވެގެންދާނެ ކަމަށެވެ.
މިދިޔަ ހަފުތާގައި ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޗިތުރާލް ޑިސްޓްރިކްޓްގެ ބޯޑަރު ދެ ޗެކްޕޯސްޓަކަށް ތާލިބާނުން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ހަތަރު ސިފައިން މަރުވެ ހަތް މީހަކު ވަނީ ޒަހަމްވެފައެވެ.
ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަކީ 2007 ވަނަ އަހަރު ޓެރަރިސްޓް ޖަމާއަތްތަކެއްގެ އަމްބްރެލާ ގްރޫޕެއްގެ ގޮތުގައި އުފެއްދި ޖަމާއަތެކެވެ.
އަލްގައިދާއާ ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭ އެ ޖަމާއަތަކީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި 2009 ވަނަ އަހަރު އަސްކަރިއްޔާގެ މައި މަރުކަޒަށް ދިން ހަމަލާއާއި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާއި 2008 ވަނަ އަހަރު އިސްލާމްއާބާދުގެ މެރިއޮޓް ހޮޓަލަށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލާފައިވާ ޖަމާއަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް