މިދިޔަ ހުކުރު ދުވަހު މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ލައްކައަކަށް ވުރެ ގިނަ ކުދިން ހާލުގައި ޖެހިފައިވާކަމަށް އދ.ގެ ކުޑަކުދިންގެ އެޖެންސީ (ޔުނިސެފް) އިން ބުނެފި އެވެ.
6.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން މަރަކޭޝްގެ ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އދ.ގެ އަންދާޒާތަކުން ދައްކައިފި އެވެ.
އެ ގައުމުގެ ދާޚިލީ ވުޒާރާއިން ބުނީ ކުޑަކުދިންނާއެކު މިހާތަނަށް 2800 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ބިރުގަންނަނީ މި އަދަދުތައް އިތުރުވުމުގެ ފުރުސަތު އޮތުމުންނެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ބިންހެލުމުގެ މައި މަރުކަޒަކީ މަރަކޭޝްގެ ހުޅަނގު ދެކުނުން 75 ކިލޯމީޓަރު ދުރުގައި 18.5 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
މި ބިންހެލުމުގެ ސަބަބުން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށްވާ މަރަކެޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފާއިތުވި ގަރުނުގައި އައި އެންމެ ބާރުގަދަ ބިންހެލުން
ބިންހެލުން އައިތާ ތިން ދުވަސް ވެފައިވާއިރު އިމާރާއްތަށް ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް ބޭރުގެ ބައެއް ރެސްކިއު ޓީމުތައް މިހާރުވެސް ވަނީ އެގައުމަށް ގޮސްފަ އެވެ.
މޮރޮކޯއިން މިހާތަނަށް ވަނީ ސްޕެއިން، އިނގިރޭސިވިލާތް، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހީގެ ހުށަހެޅުންތައް ބަލައިގެންފައެވެ.
މިދިޔަ އާދީއްތަ ދުވަހު މޮރޮކޯ ސަރުކާރުން ވަނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ހޯދުމަށް ޓްރެޜަރީ އާއި މޮރޮކޯގެ ސެންޓްރަލް ބޭންކްގައި ހާއްސަ އެކައުންޓެއް ތައާރަފްކޮށްފަ އެވެ.
މޮރޮކޯގެ ނޭޝަނަލް ޖިއޮފިޒިކަލް އިންސްޓިޓިއުޓުން ބުނި ގޮތުގައި މި ބިންހެލުމަކީ ފާއިތުވި ގަރުނުގައި އުތުރު އެފްރިކާގެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް