މާރިޔާ މާލޭގެ ރައްޔިތުންނަށް: މިއީ ގޯއްޗެއް ލިބޭނެ ފަހު ޗާންސް

މިއީ މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ލިބޭނެ ފަހު ފުރުސަތު ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ، މިރޭ އެމްޑީޕީގެ ފަރާތުން، އެ ޕާޓީގެ ކެމްޕޭ...

12 Sep 2023 | 17:46

މިއީ މާލޭގެ ރައްޔިތުންނަށް ގޯއްޗެއް ލިބޭނެ ފަހު ފުރުސަތު ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، މިރޭ އެމްޑީޕީގެ ފަރާތުން، އެ ޕާޓީގެ ކެމްޕޭން ހަރަކާތްތެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު މުޅި މާލޭގައި އޮތީ ހަމަހިމޭންކަން ފެތިރިފައި ކަމަށެވެ. އަދި މިހެދުނީ ގޯހެއްކަން ރައްޔިތުންނަށް އިހުސާސްވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއާ ޚިލާފަށް2018 ވަނަ އަހަރު ރައީސް ސޯލިހު އިންތިހާބުވި ހަބަރާއެކު މުޅި މާލޭގައި އުފާ ފާޅުކުރި ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، މިފަހަރު ވޯޓު ލާ ގޮތުން ދެން ދުވަހަކުވެސް ވޯޓުލާން ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ކިތައް މީހުން ތޯ މުއިއްޒުގެ ފަހަތުގަ ތިބި މީހުން ވޯޓު ގަބޫލު ކުރަނީ؟ ކިތައް ބޭފުޅުންތޯ ހުރީ އެކި ގޮތަށް ފަތުވާ ދެއްވާފަ، ވޯޓު އެއީ ހަރާން ކަމެއް ކަމަށް. އެއީ އެހެން ގޮތަކަށް ދާ ކަމެއް ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންކަމަށް ވިސްނައިގެން ދެވަނަ ބުރުގައި ވޯޓު ލުމަށް މާރިޔާ އިރުޝާދު ދެއްވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނު ކޮށްފައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް